ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނަންޔާ ޕާންޑޭ އާއި އޭނާގެ ބައިވެރިޔާ ވޯކާ ބްލާންކޯ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، މިދިޔަ ހަފުތާގެ ތެރޭގައި ރުޅިވެއްޖެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މިއީ ދެ މީހުން ވާހަކަ ދައްކައިގެން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށް ހަބަރުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވަނީ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިގެންނެއް ނޫނެވެ. ދެ މީހުން ވަކިވެފައިވަނީ ވަރަށް އެކުވެރިކަމާއެކު ދެބަސްވުމެއް ނެތި ކަމަށް މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ. އަދި ދެ މީހުންގެ ދެމެދުގައި އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ވެސް ރިޕޯޓުތަކުން ހާމަކުރެއެވެ.
އަނަންޔާ އާއި ވޯކާގެ ލޯބީގެ ގުޅުމުގެ ވާހަކަތައް އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެ މީހުންނާ ގުޅޭގޮތުން އަޑުތައް ފެތުރެން ފެށީ، އިންޑިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އަމްބާނީ އާއިލާގެ އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ކައިވެނީގެ ހަފުލާތަކުގެ ތެރެއިން ދެ މީހުން ބައްދަލުވި ހިސާބުންނެވެ.
މި ދެ މީހުން އެކުގައި ގިނަ ތަންތަނުން ފެނިފައިވީ ނަމަވެސް، މި ގުޅުމާ ގުޅޭގޮތުން ދުވަހަކުވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމީހުން މަސައްކަތްކޮށްފައިވަނީ މީޑިއާގެ ސަމާލުކަމާ ދުރުން ވަރަށް ސިއްރުން މި ގުޅުން ކުރިއަށް ގެންދިއުމަށެވެ.
ރައްޓެހިވެގެން އުޅޭކަން އިއުލާނު ނުކޮށް ތިބުމަށްފަހު ދެ މީހުން ރުޅިވި ހަބަރު އާންމުވިއިރު، އަނަންޔާ އަންނަނީ އޭނާގެ ފިލްމީ ކެރިއަރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އިސްކަންދެމުންނެވެ. ގާތްގަނޑަކަށް ދެ އަހަރަށް ދެމިގެންދިޔަ މި ގުޅުން ނިމުމަކަށް އައުމަކީ އޭނާގެ ސަޕޯޓަރުންނަށް ވެސް ލިބުނު ކުއްލި ހައިރާންކަމެކެވެ.
