މިސްވޯލްޑުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ އީމާ މުހައްމަދު، ރާއްޖޭގެ ސަގާފަތާއި ދިވެހިންގެ އޯގާތެރިކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވާ ކަމަށް ބުނެފިއެވެ. އޭނާ މިހެން ބުނީ މި މުބާރާތުގެ ތެރެއިން ވިއެޓްނާމުގައި ބޭއްވި ހަރަކާތްތަކެއްގެ ތެރެއިން އިންޓަނޭޝަނަލް މީޑިއާއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.
ރާއްޖެއާ ގުޅޭގޮތުން އެންމެ ފާހަގަކޮށްލަން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރުމުން އީމާ ބުނީ، އޭނާ އެންމެ ބޮޑަށް ހިއްސާކުރަން ބޭނުންވަނީ ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ހިތްހެޔޮކަން ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ދިވެހިންގެ ކިބައިގައި ހުންނަ އޯގާތެރިކަމުގެ ސިފަތައް އެހެން ގައުމުތަކުގެ މީހުންނަށް އަންގައިދޭން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ވިއެޓްނާމުގައި ކުރިއަށްދާ މި މުބާރާތުގައި އީމާ އަންނަނީ އެހެން ގައުމުތަކުގެ ބައިވެރިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރަމުންނެވެ. އޭނާ ބުނި ގޮތުގައި އެކި ގައުމުތަކުން އައިސް ތިބި ރީތީގެ ރާނީންނާ ބައްދަލުވެ، އެ މީހުންގެ ގައުމުތަކުގެ ސަގާފަތްތައް ދަސްކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މިއީ މުބާރާތުގެ ތެރެއިން އޭނާއަށް ލިބުނު ވަރަށް ހާއްސަ ތަޖުރިބާއެއް ކަމަށް ވެސް އީމާ ބުންޏެވެ.
"މިހާތަނަށް ވެސް އަހަންނަށް ވަނީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އެތައް ހާސް އުފާވެރި ހަނދާންތަކެއް ލިބިފައި. ކޮންމެ ދުވަހަކުވެސް ހިތްވަރު ލިބޭ ފަދަ އާ ބައިވެރިންނާ ބައްދަލުވޭ،" އީމާ ދިން އިންޓަވިއުގައި ބުންޏެވެ. އޭނާ އިތުރަށް ބުނީ މި ދަތުރު ނިމޭކަށް އޭނާ ބޭނުން ނުވާ ކަމަށާއި، އެނބުރި ރާއްޖެ އަންނަން ޖެހުމުން މުބާރާތުގެ ބައިވެރިން މަތިން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ.
މުބާރާތުގައި އެހެން ބައިވެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔަ ނަމަވެސް، އީމާ ވަނީ އޭނާގެ އާއިލާ މަތިން ހަނދާންވާކަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން އިންޓަވިއު ނިންމާލަމުން އާއިލާއަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ، މަންމަ އާއި ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ. މިއީ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރުމަށް އީމާއަށް ލިބުނު މުހިންމު ފުރުސަތެކެވެ.
