ތިލަމާލެ ބުރިޖަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލެއިން ވިލިމާލެއަށް ފައިމަގުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.


މި ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މި މަސައްކަތަށް އިންޑިއާ ސަރުކާރުން އަދި ހާއްސަކޮށް އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ދެއްވާ ހާއްސަ އިސްކަން ފާހަގަކުރައްވާފައެވެ. އެކަމަށްޓަކައި ޕްރައިމް މިނިސްޓަރު މޯދީއަށާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން ދެ ގައުމުގެ މަސައްކަތު ޓީމުތަކަށް އެމަނިކުފާނު ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.


ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެއެވެ. އަދި ސަރުކާރުން އިސްކަން ދެނީ ތަރައްގީގެ މިފަދަ ބޮޑެތި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަށް ކަމަށާއި، މި ބުރިޖު ނިމުމުން ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާ ސަފީރު ވިދާޅުވީ، މިއީ އިންޑިއާއިން އެ ގައުމުގެ ބޯޑަރުން ބޭރުގައި ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އަދި މި ބިޔަ މަޝްރޫއު ރާއްޖޭގައި ކުރިއަށްދާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި، މިއީ ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ރައުސުލްމާލެއް ކަމަށް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.


ވިލިމާލެއަށް ނިންމާލި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ވިލިމާލެއިން ރައީސަށް ހޫނު މަރުހަބާއެއް ދެންނެވިއިރު، އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ފަދަ ގޮތަކަށް ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.