ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިންމު ހަތް ބިލެއް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސް، އާ ބިލުތައް އެކުލަވާލައި ފާސްކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ފަންނީ ދިރާސާތަކަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ތަސްދީގުކުރެއްވި ކޮންމެ ބިލަކީ ވެސް އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ބިލުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު ބޭންކުތަކުން މާރުކުރަން ޖެހޭ މިންވަރު މާރުކުރުމަކީ ރިސޯޓުތައް ހިންގުމަށާއި މުވައްޒަފުންނަށް ޑޮލަރުން ދޭ މުސާރައަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަން ދިރާސާތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ބަހަނާއަކަށް ހަދައި، މުވައްޒަފުންގެ މުސާރައަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މި އިސްލާހުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު މަގުސަދަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ކަމަށެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ބަދަލުން ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މިއަދު ތަސްދީގުކުރެއްވި އެހެން ބިލުތަކުގެ ތެރޭގައި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލާއި، މަސްވެރިކަމުގެ ގާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ބިލު ހިމެނެއެވެ. މި ބިލުތަކުގެ ސަބަބުން އިގުތިސާދު ސިންދަފާތުވެ، ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ހުރިހާ ބިލެއް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.