ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި ގޭހާއި މައުދަން ފަދަ ދިރުން ނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ސަރުކާރުން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެކަމުން ގައުމަށް ނަފާ ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.
ކެބިނެޓުން މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ޖަލްސާއަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނީ، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ދިރުން ނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމަށް ހާއްސަ ބިލެއް ފަރުމާކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ބިލުގެ ސަބަބުން މި އާ ސިނާއަތް ހަރުދަނާ އުސޫލުތަކެއްގެ މަތިން ރާވައި ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
ކެބިނެޓުގެ މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށް ކުރަން ޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. މިއީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވާއިރު، ތެލާއި ގޭސް ފަދަ އަގުބޮޑު ވަސީލަތްތައް ފެނިއްޖެނަމަ، އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި މާލީ ފައިދާތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ މި ވަސީލަތްތަކުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
