މިހާރު ޖަޕާނުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ބާސްކެޓްބޯޅަ ފިރިހެން ޓީމު އިވެންޓްގެ ފައިނަލްގައި ފްރާންސްގެ މައްޗަށް 87-82 އިން ކުރިހޯދައި އެމެރިކާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އެމެރިކާ އިން ބާސްކެޓްބޯޅައިގެ ގޯލްޑް މެޑެލް ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.
މިފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު ކުޅެވުނު މެޗުތަކުން ދަށް ނަތީޖާތަކެއް ހޯދުމުން ވަރަށް ބޮޑު ޕްރެޝަރެއްގައި އޮތް ގްރެގް ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެމެރިކާ އިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ވެސް ޕްރެލިމިނަރީ ބުރުގައި ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުން އެމެރިކާ ބަލިވިނަމަވެސް، ކުއާޓާގައި ސްޕެއިން ބަލިކޮށް ސެމީ ފައިނަލްގައި އޮސްޓްރޭލިއާގެ މައްޗަށް ވަނީ ކުރިހޯދާފައެވެ.
ސައިޓާމާގެ ސުޕަ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ އަށް ފަހު އެމެރިކާ ކުރީގައި އޮތީ 22-18 އިންނެވެ. އެކަމަކު، ދެވަނަ ކުއާޓާގައި ފްރާންސުން ކުޅުން ރަނގަޅުކޮށް ތަފާތު ކުޑަކުރިއެވެ. މި ކުއާޓާ އެމެރިކާ ގެންދިޔައީ 22-21 އިންނެވެ. އޭގެފަހުން، ކުޅެވުނު ތިންވަނަ ކުއާޓާ ވެސް އެމެރިކާ އިން ގެންގޮސް ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުކުރިއެވެ. އެމެރިކާ އިން ތިންވަނަ ކުއާޓާގައި ކުރިހޯދީ 27-24 އިންނެވެ. ނަމަވެސް، ފަހު ކުއާޓާ 19-16 އިން ފްރާންސް ކާމިޔާބުކުރިއިރު، އެމެރިކާ އިން ވަނީ ފުރަތަމަ ތިން ކުއާޓާގައި ދެއްކި ކުޅުމާއެކު މެޗު ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައެވެ.
މި އަހަރުގެ އޮލިމްޕިކްސްގެ ގޯލްޑް މެޑެލް އެމެރިކާ އަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ ސްމޯލް ފޯވާޑް ކެވިން ޑުރާންޓް އެވެ. އޭނާ މި މެޗުގައި 29 ޕޮއިންޓާއެކު ހަ ރީބައުންޑް ނެގިއިރު، ދެން އެންމެ ރަނގަޅަށް ކުޅުނު ޖޭސަން ޓެޓުމް 19 ޕޮއިންޓް ހޯދިއެވެ. ފްރާންސުން އެންމެ ރަނގަޅަށް ކުޅުނު ސެންޓާ ރުޑީ ގޯބެއާ އެވެ. އޭނާ ވަނީ 16 ޕޮއިންޓާއެކު 8 ރީބައުންޑް ނަގާފައެވެ.
