އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާ "ޑެސްޓިނޭޝަން ޕްރިންސިޕަލް" ނުވަތަ މުދާ ބޭނުންކުރާ ގައުމަކުން ޓެކްސް ނެގުމުގެ އުސޫލަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. 


މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ދާދި ފަހުން ގެނައި އަށްވަނަ އިސްލާހު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ. މި އިސްލާހާއެކު، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތަކުގެ އިތުރުން ބުކިން ޕްލެޓްފޯމްތަކުން ރާއްޖޭގައި ވިއްކާ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޖީއެސްޓީ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.


ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން، ރާއްޖޭގައި ބޭނުންކުރުމަށް ފޯރުކޮށްދޭ ހިދުމަތެއް ނަމަ، އެ ހިދުމަތެއް ވިއްކާ ފަރާތް ރާއްޖެއިން ބޭރުގައި ހުރި ކަމުގައި ވިޔަސް މީރާއަށް ޖީއެސްޓީ ދައްކަން ޖެހޭނެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްތައް ބޭރުގައި ތިބެގެން ވިއްކާ ފަރާތްތަކުން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމުކުރާ މުހިންމު ބަދަލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އިސްލާހު ދާދި ފަހުން ތަސްދީގުކުރައްވާފައެވެ.


ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް ގެނައި މި ބަދަލުގެ ސަބަބުން، ރާއްޖޭގައި މިހާރު ވެސް ހިންގަމުން އަންނަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން މީރާއިން ވަނީ ދީފައެވެ. އެގޮތުން، އެ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގައި މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލަށާއި، ޖީއެސްޓީ ނަގާ ރޭޓަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.


ގާނޫނަށް ގެނައި މި ބަދަލާ ގުޅިގެން، މީރާގެ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ކުރިއަށް އޮތް ތާނގައި، ޖީއެސްޓީ ދައްކަން ޖެހޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި ފައިސާ ދައްކާނެ އިޖުރާއަތުތައް ކަނޑައެޅުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިދުމަތްތައް އެކުލެވޭ ޕްރޮޑަކްޓްތަކުން ޓެކްސް ނަގާނެ ގޮތުގެ ގަވާއިދުތައް އެކުލަވާލާނެ ކަމަށް މީރާއިން ބުންޏެވެ.