ދުނިޔޭގައި 200 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅޭ "ބޯހެޑް ވޭލް" ނުވަތަ ބޮޑުމަހުގެ ބާވަތަކުން ފެނުނު ހާއްސަ ޕްރޮޓީނެއްގެ އެހީގައި އިންސާނުންގެ އުމުރު ދިގުކުރެވިދާނެ ކަމުގެ އުންމީދު ސައިންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އާކޮށްދީފިއެވެ. މި ދިރާސާއިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި، މުސްކުޅިވުމާއި ކެންސަރު ފަދަ ބަލިތަކުން އިންސާނުން ސަލާމަތްކުރުމަށް މި ޕްރޮޓީން މުހިންމު ދައުރެއް އަދާކުރެއެވެ.


ބޯހެޑް ވޭލްއަކީ ހަށިގަނޑުގައި އެތައް ޓްރިލިއަން ސެލްއެއް އެކުލެވޭ ވަރަށް ބޮޑު ޖަނަވާރަކަށް ވީ ނަމަވެސް، ކެންސަރާއި އުމުރުން ދުވަސްވުމުން ޖެހޭ ބަލިތަކުން ދިފާއުވުމުގެ އާދަޔާހިލާފު ބާރެއް ލިބިފައިވާ އެއްޗެކެވެ. ދިރާސާކުރާ ފަރާތްތަކުން ހޯދި ގޮތުގައި މީގެ ސިއްރަކީ، އެ ސޮރުމެންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް އެކުލެވޭ "ސީއައިއާރުބީޕީ" (ކޯލްޑް-އިންޑިއުސިބަލް އާރްއެންއޭ-ބައިންޑިން ޕްރޮޓީން) ނަމަކަށް ކިޔާ ޕްރޮޓީނެކެވެ. މިއީ ހަލާކުވެފައިވާ ޑީއެންއޭ ވަރަށް ފުރިހަމައަށް އަދި އަވަހަށް މަރާމާތުކޮށްދޭ މާއްދާއެކެވެ.


މި ޕްރޮޓީންގެ ބާރު ދެނެގަތުމަށް ސައިންސްވެރިން ވަނީ ލެބޯޓަރީގައި ހާއްސަ ތަހުލީލުތަކެއް ކޮށްފައެވެ. އެގޮތުން، މި ޕްރޮޓީން އިންސާނުންގެ ސެލްތަކަށް ލުމުން ޑީއެންއޭ މަރާމާތުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވިކަން ފާހަގަކުރެވުނެވެ. އަދި މޭވާގައި އުޅޭ ކުދި މެހި (ފްރުޓް ފްލައިސް) ގެ ހަށިގަނޑުގައި މި ޕްރޮޓީން ގިނަކުރުމުން، އެސޮރުމެންގެ އުމުރު ދިގުވެ، ރޭޑިއޭޝަންގެ އަސަރުތަކުން ސަލާމަތްވުމުގެ ބާރު ލިބުނުކަން ދިރާސާއިން ވަނީ ދައްކާފައެވެ.


ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުން މުސްކުޅިވުމާއި ކެންސަރު ފަދަ ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބަކީ އުމުރު ދުވަހު ޑީއެންއޭއަށް ލިބެމުންދާ ގެއްލުންތައް ޖަމާވަމުން ދިއުމެވެ. އެހެންކަމުން، ބޮޑުމަހުން ފެނުނު މި ޕްރޮޓީން ބޭނުންކޮށްގެން އިންސާނުންގެ ޑީއެންއޭ މަރާމާތުކުރާ ނިޒާމު ރައްކާތެރިކަމާއެކު ހަރުދަނާކުރެވިއްޖެ ނަމަ، މިއީ ސިއްހަތު ސަލާމަތުން ހުރެ އިންސާނާގެ އުމުރު ދިގުކުރުމަށް ފަރުވާތައް ހޯދުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.


ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި މި ހޯދުމުގެ މާނައަކީ އިންސާނުންނަށް މިހާރު 200 އަހަރު ވަންދެން ދިރިއުޅެވޭނެ ފަރުވާއެއް ލިބުން ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. އެހެން ނަމަވެސް، މިއީ ގާތްގަނޑަކަށް ދެ ގަރުނަށް ވުރެ ގިނަ ދުވަހު ދިރިއުޅޭ ޖަނަވާރެއް އޭގެ ޑީއެންއޭ ރައްކާތެރިކުރާ ގޮތުގެ މުހިންމު ސިއްރުތަކެއް އެނގި، ކުރިމަގުގައި އިންސާނުންގެ އުމުރު ދިގުކުރުމުގެ ސައިންސަށް ލިބުނު ވަރަށް އަގުހުރި މައުލޫމާތުތަކެކެވެ.