"ޖެން ޒީ" ޖީލުގެ މީހުން ރާ ބޯ މިންވަރު ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި ބިޔަރު އަދި ރާ އުފައްދާ ކުންފުނިތަކުގެ ވިޔަފާރިއަށް ބޮޑު ހީނަރުކަމެއް އައިސް، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ.


މާލީ ހަބަރުތައް ގެނެސްދޭ ބްލޫމްބާގް އިން އާންމުކޮށްފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި، ރާ އާއި ބިޔަރު އުފައްދާ ބޮޑެތި 50 ކުންފުންޏެއްގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހު އެ ކުންފުނިތަކުގެ ވިޔަފާރި އެންމެ މަތީގައި އޮތުމަށް ފަހު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އައިއިރު އެ އަދަދުތައް ވަނީ 46 ޕަސަންޓު ދަށަށް ގޮސްފައެވެ.


މިހާ ބޮޑު ވެއްޓުމެއް މި ސިނާއަތަށް އައިސްފައިވާ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުތަކުން ދައްކަނީ ޒުވާނުންގެ އާމްދަނީ ދަށްވުމާއި، އެކުވެރިންނާއެކު ބާއްވާ އިޖުތިމާއީ ބައްދަލުވުންތައް ކުރިއަށް ވުރެ މަދުވުމެވެ. މީގެ އިތުރުން، ސިއްހަތަށް ފައިދާހުރި ދިރިއުޅުމެއް އުޅުމަށް ޒުވާނުން މިހާރު ބޮޑަށް ސަމާލުކަން ދޭން ފެށުމަކީ ވެސް ރާ ބުއިން މަދުވި ސަބަބެއް ކަމަށް ބެލެވެއެވެ.


މި ބަދަލާއެކު ކުންފުނިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، އެ ފަރާތްތަކުން އަންނަނީ ކުންފުނި ހިންގުމުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަމުންނެވެ. އާމްދަނީ ދަށްވުމުގެ ސަބަބުން ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލުތައް ގެނެސް، އޮޕަރޭޝަންތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.


ޒުވާނުންގެ އާދަތަކަށް އައިސްފައިވާ މި ބޮޑު ބަދަލާއެކު، ބިޔަރާއި ރާ އުފައްދާ ކުންފުނިތަކުގެ މިސްރާބު މިހާރު ވަނީ ބަދަލުކުރަން މަޖުބޫރުވެފައެވެ. އެގޮތުން ވިޔަފާރި ސަލާމަތް ކުރުމުގެ ގޮތުން، ގިނަ ކުންފުނިތަކުން މިހާރު އަންނަނީ ރާ ނުހިމެނޭ ބުއިންތައް އުފައްދާ މިންވަރު އިތުރުކޮށް، އެފަދަ އާ ބާވަތްތައް ބާޒާރަށް ނެރުމަށް ބޮޑެތި އިންވެސްޓްމަންޓުތައް ކުރަމުންނެވެ.