ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މަޝްހޫރު އެއް މެޗު ކަމަށްވާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި ޑިއޭގޯ މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ، 3.4 މިލިއަން އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 2.5 މިލިއަން ޕައުންޑަށް) ވިއްކާލައިފިއެވެ. 


މިއީ އެ މުބާރާތުގައި އާޖެންޓީނާއިން 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރި މެޗުގައި ބޭނުންކުރި "އެޑިޑާސް އެޒްޓެކާ" ބްރޭންޑުގެ އޮފިޝަލް މެޗު ބޯޅައެވެ. ފުޓުބޯޅައިގެ ދުނިޔޭގައި މި ބޯޅައަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތާރީހީ އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.


މި މެޗުގައި މަރަޑޯނާ ޖެހި ފުރަތަމަ ލަނޑަކީ ރެފްރީއަށް އޮޅުވާލައިގެން އޭނާގެ އަތުން ޖެހި ލަނޑެކެވެ. އޭނާ ފަހުން މި ލަނޑަށް ނަންދީފައިވަނީ "ހޭންޑް އޮފް ގޯޑް" ގެ ނަމުންނެވެ. އަދި އޭގެ މަދު މިނެޓުކޮޅެއް ފަހުން އޭނާ ވަނީ ހަމަ މި ބޯޅަ ބޭނުންކޮށްގެން ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ލަނޑު ކަމަށްވާ "ގޯލް އޮފް ދަ ސެންޗަރީ" ވެސް ކާމިޔާބުކޮށްފައެވެ.


މިހާ ބޮޑު އަގަކަށް މި ބޯޅަ ވިއްކާލާފައިވާއިރު، މިއީ ކުޅިވަރުގެ ތާރީހާ ގުޅުންހުރި ތަކެތީގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިއްކާލެވުނު އެއް އެއްޗަށް މިވަނީ ވެފައެވެ. މި ބޯޅަ އަނެއްކާވެސް އާ ފަރާތަކަށް ވިއްކާލާފައިވާއިރު، މިއީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.


މަރަޑޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އޭނާގެ މި ހާއްސަ މެޗުގެ ހަނދާންތައް އަދިވެސް މީހުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވެއެވެ. މި ބޯޅަ ވިއްކާލުމާ ގުޅިގެން، އެ ތާރީހީ މެޗުގެ ވާހަކަތަކާއި މަރަޑޯނާގެ މޮޅު ކުޅުމުގެ ވާހަކަތައް އަނެއްކާވެސް މިވަނީ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރާފައެވެ.