މަޝްހޫރު ރެސްލަރު އަދި އެކްޓަރު ޖޯން ސީނާ، ކާޓޫން ނެޓްވޯކްގެ މަޝްހޫރު ކެރެކްޓާ 'ޖޮނީ ބްރާވޯ' ގެ ރޯލުން ފެނިދާނެ ކަމުގެ އަޑުތަކެއް ގަދަވެއްޖެއެވެ. މި އަޑުތައް ފެތުރެން ފެށީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޖޮނީ ބްރާވޯގެ ފޮޓޯއެއް ދާދި ފަހުން ހިއްސާކުރުމާ ގުޅިގެންނެވެ.
ލައިވް-އެކްޝަން ޖޮނީ ބްރާވޯ ފިލްމެއް އުފައްދާނެ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ މި ދަނޑިވަޅުގައި، ޖޯން ސީނާ މި ފޮޓޯ ހިއްސާކުރުމުން ގިނަ ބަޔަކު އަންނަނީ މިއީ އޭނާ އެ ރޯލަށް ހަމަޖެހުނުކަމުގެ އިޝާރާތެއްތޯ ސުވާލު އުފައްދަމުންނެވެ. ނަމަވެސް، ފިލްމުގެ ކާސްޓިންއާ ގުޅޭގޮތުން އަދި އެއްވެސް ރަސްމީ ފަރާތަކުން ޔަގީންކަމެއް ދީފައެއް ނުވެއެވެ.
ރަސްމީކޮށް މިކަން އިއުލާނުކޮށްފައި ނުވި ނަމަވެސް، ޖޯން ސީނާގެ ހަށިގަނޑާއި، އޭނާގެ މިޒާޖަށް ބަލާއިރު އޭނާއަކީ ޖޮނީ ބްރާވޯގެ ރޯލަށް ވަރަށް ފިޓު ތަރިއެއް ކަމަށް ފޭނުން ގަބޫލުކުރެއެވެ. ހާއްސަކޮށް އޭނާގެ ހަށިގަނޑު ހުންނަ ގޮތާއި، އާންމުކޮށް ލައިގެން އުޅޭ ކަޅު ޓީޝާޓުގެ ސްޓައިލަކީ ސީދާ ޖޮނީ ބްރާވޯއާ ގުޅޭ ސިފަތަކެއް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އޭނާ ހިއްސާކުރި ފޮޓޯއަކީ ހަމައެކަނި އާދައިގެ ޕޯސްޓެއް ނޫންކަމަށް ގަބޫލުކުރާ މީހުން މިހާރު ވަނީ ގިނަވެފައެވެ.
