ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، ފަރުވާ ދެމުންދިޔަ އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ. އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވި ކުއްޖާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.
މި އެކްސިޑެންޓުގައި ކުއްޖާއަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ފަހުން ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުކޮށްފައެވެ. އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ ނިޔާވުމާ ހަމައަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ފްލެޓް ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، ސައިކަލަކުން ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށް ވެސް އަނިޔާވެގެން ވަނީ ފަރުވާދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި އެ ސަރަހައްދުގައި އޮތް ދެ ކާރެއް ވަނީ ޓޯކޮށްފައެވެ. ފުލުހުން މިކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި މަގުގެ ދެ ފަރާތުގައި ވެސް ކާރު އޮތްތަން ފެނެއެވެ.
