އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ސްޕެއިނުގެ މައްޗަށް 2-1 އިން ކުރިހޯދައި، ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފިއެވެ.
މިއީ މި މުބާރާތުގެ ފައިނަލްގައި ބްރެޒިލުން ޖެހިޖެހިގެން ކުޅުނު ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ ގޯލްޑް މެޑެލް ކާމިޔާބުކުރި ނަމަވެސް، އޭގެކުރިން 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ފުއްދާލަން ޖެހުނީ ރިހި މެޑެލް އަކުންނެވެ.
ޔޮކޮހާމާގެ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލަށް ލީޑް ނަގައިދިނީ ހާތާ ބާލިން އަށް ކުޅެމުން އަންނަ 22 އަހަރުގެ ފޯވާޑް މަތެއުސް ކޫނިއާ އެވެ. މިއީ ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވެސް ދިން ބޯޅައަކުން ކޫނިއާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެކުރިން، ބްރެޒިލަށް ލީޑްނަގައިދޭން އެވަޓަންގެ ފޯވާޑް ރިޗާލިސަން އަށް ލިބުނު ރަނުގެ ފުރުސަތެއް ވަނީ ނަގާލާފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރިޗާލިސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.
ދެވަަނަ ހާފްގެ ކުރީކޮޅު ބްރެޒިލްގެ ލީޑް ފުޅާކުރަން ރިޗާލިސަން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ސްޕެއިނަށް އެއްވަރުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބާލް އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ކާލޮސް ސޮލެއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮޔާޒަބާލް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން ސްޕެއިން މޮޅުކޮށްދިނުމަށް ދެވަަނަ ހާފުގެ ކުރީކޮޅު ކުޅެން ނިކުތް ބްރަޔަން ހިލް ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ ފަހު ހާފު ފެށިތާ ތިން ވަނަ މިނެޓުގައި ބްރެޒިލް މޮޅުކޮށްދިނީ މެލްކަމް އެވެ. ކުރީން ބާސެލޯނާ އަށް ކުޅުނު މެލްކަމް މިލަނޑު ޖަހައިދިނީ އެންތަނީ ޑޮސް ސަންޓޯސް ދިން ބޯޅައަކުންނެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައެވެ.
