އެމެރިކާގެ ޔުނިވަރސިޓީ އޮފް އިލިނޯއި އުރުބާނާ-ޗެމްޕޭންގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ދައްކާގޮތުގައި، ގިނަ ދުވަސްވަންދެން ރާބޯ މީހުން އެކަން ހުއްޓާލުމަށްފަހުވެސް ފުރަމޭ (ލިވަރ) އަމިއްލައަށް ރަނގަޅުވުމުގެ ގުދުރަތީ ގާބިލުކަން ހުއްޓުމަކަށް އާދެއެވެ. އާންމުގޮތެއްގައި ފުރަމޭއަކީ ލިބޭ ގެއްލުންތަކުން އަމިއްލައަށް އިއާދަވުމުގެ ހާއްސަ ބާރެއް ލިބިގެންވާ ގުނަވަނެއް ކަމުގައިވީ ނަމަވެސް، ރަލުގެ ސަބަބުން ފުރަމޭގެ ސެލްތައް "ރީޖެނެރޭޓިވް ލިމްބޯ" ނުވަތަ އަމިއްލައަށް ރަނގަޅުނުވެވޭ ފަދަ މެދުވެރި ހާލަތެއްގައި ތާށިވަނީއެވެ.

މި ދިރާސާއިން ހާމަވިގޮތުގައި، މި މައްސަލަ ދިމާވަނީ ރަލުގެ ސަބަބުން ފުރަމޭގައި އުފެދޭ އިންފްލަމޭޝަންގެ ސަބަބުން އާރް.އެން.އޭ ސްޕްލައިސިންގ އަށް އަންނަ ބުރުއެރުންތަކަކާއި ގުޅިގެންނެވެ. ސެލްތަކުން ޕްރޮޓީން އުފެއްދުމުގެ މަރުހަލާގައި އާރް.އެން.އޭ އަށް ޖެހޭ މި ކުށްތަކުގެ ސަބަބުން، ހަލާކުވެފައިވާ ސެލްތަކަށް އާ ސެލްތަކަށް ބަދަލުވުމުގެ ގާބިލުކަން ގެއްލި، ފުރަމޭގެ މަސައްކަތްތައް އެކީގައި ހުއްޓުމަކަށް އަންނަނީއެވެ.

ސައިންސްވެރިން ފާހަގަކުރި ގޮތުގައި މި މައްސަލައިގެ މައިގަނޑު ސަބަބަކީ އީ.އެސް.އާރް.ޕީ - 2 ނަމަކަށްކީ ޕްރޮޓީންއެއް ފުރަމޭގައި ދަށަށް ދިއުމެވެ. މިއީ އާރް.އެން.އޭ ރަނގަޅަށް ސީދާކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޓީންއެކެވެ. ރަލުގެ ސަބަބުން އުފެދޭ އިންފްލަމޭޝަނުން މި ޕްރޮޓީން މަދުކޮށްލުމުން، ސެލްތަކަށް ބޭނުންވާ މެސެޖުތައް އޮޅި، ފުރަމޭގެ ސެލްތައް ރަނގަޅުވުމުގެ މަރުހަލާގެ މެދުތެރެއިން ހުއްޓޭގޮތް ވަނީއެވެ.

މި ހޯދުމަކީ ފުރަމޭގެ ބަލިތަކަށް ފަރުވާކުރުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ސައިންސްވެރިން މިހާރު ވަނީ މި އިންފްލަމޭޝަން މަގުތައް ބްލޮކްކޮށް، ޭއީ.އެސް.އާރް.ޕީ - 2 ޕްރޮޓީން އަލުން އުފައްދައިގެން ފުރަމޭ އަމިއްލައަށް ރަނގަޅުވުމުގެ ނިޒާމު އަލުން ހިނގައިގަންނާނެ މޮލެކިއުލަރ މަގެއް ދެނެގަނެފައެވެ. މީގެ އިތުރުން، އޮޅުންބޮޅުންވެފައިވާ އާރް.އެން.އޭ ގެ މޮލެކިއުލްތައް ބޭނުންކޮށްގެން ފުރަމޭއަށް ލިބިފައިވާ ގެއްލުން ކުރީކޮޅު ދެނެގަނެވޭނެ ބަޔޯމާކަރުތަކެއްވެސް އުފެއްދިދާނެކަމަށް ތަހުގީގުކުރާ ފަރާތްތަކުން އުންމީދުކުރެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.