ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލޭގައި ހިނގި ހިތާމަވެރި ދެ ހާދިސާއެއްގައި ދެ ކުޑަކުއްޖަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އެ ދެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

މިއަދު ފަތިހު ވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ސްޓެލްކޯ ފްލެޓެއްގެ މަތިން އުމުރުން 2 އަހަރުގެ ތުއްތު ކުއްޖަކު ވެއްޓި ވަނީ ނިޔާވެފައެވެ.

މި ހިތާމަވެރި ދެ ހާދިސާއާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މުޅި ގައުމަށް ވެސް ނުތަނަވަސް އަދި ހިތާމަވެރި އިހުސާސްތަކެއް ގެނުވި ކަމެއް ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތަކާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ތުއްތު ކުދިންނާއި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އެންމެހައި ފަރުދުން ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ތުއްތު ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ވަނީ، މިފަދަ ހިތާމަވެރި މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި އާންމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، އޭގެ ސަބަބުން ކުޑަކުދިންނާއި ނަފްސާނީ ގޮތުން ބަލިކަށި ފަރާތްތަކަށް ނޭދެވޭ އަސަރުކޮށް، މުޖުތަމައުގައި މިފަދަ ކަންކަން އިތުރުވުމަށް މެދުވެރިވެދާނެއެވެ.