ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 62 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ބައްޕައަކަށާއި، ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށެވެ.


ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 7:44 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައެވެ. އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންނަށް ވެސް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.


ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދެ މީހުންގެ ތެރެއިން ބައްޕަގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އެމީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ކާރަކާއި ސައިކަލެއް ޖެހިގެން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


މިއީ ފަހަކަށް އައިސް ހުޅުމާލޭގައި ހިނގި ފުރަތަމަ ނުރައްކާތެރި އެކްސިޑެންޓެއް ނޫނެވެ. ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ ހާދިސާގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވަނީ ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.


އެ އެކްސިޑެންޓުގައި ނިޔާވެފައިވަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ ޒީވާ ސިނާން އަހުމަދެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. މިފަދަ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.