ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިގެން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައިފިއެވެ. މި ގާނޫނަށް ބަދަލުތަކެއް ގެނެސްފައިމިވަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.


މި ގާނޫނަށް ގެނެވުނު އާ ބަދަލުތަކުގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މިފަދަ ކުށެއް ކުރާ މީހެއްގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، އެ އަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދަށް ބޮޑުވާނެއެވެ.


ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން، މިފަދަ ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމަށް ބަލައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނަ ގޮސްފިނަމަ، އެ ކުށް ކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބާރު ވެސް މިހާރު ވަނީ ދީފައެވެ. 


މާލީ އަދި ޖިނާއީ އަދަބުތަކުގެ އިތުރުން، ކުށް ކުރާ މީހުންގެ ލައިސަންސާމެދު އަމަލުކުރާނެ ހަރުކަށި އުސޫލުތަކެއް ވެސް ގާނޫނުގައި ހިމެނެއެވެ. އެގޮތުން، ކުށްކުރާ މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރެވޭނެއެވެ. އަދި އެ މީހަކީ ލައިސަންސް ނެތި ދުއްވި މީހެއް ނަމަ، އެ މުއްދަތުގެ ތެރޭގައި ލައިސަންސް ހޯދަން ހުށަހެޅުމުގެ ފުރުސަތު ވެސް ނުލިބޭނެއެވެ.


ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށްކުރި މީހާގެ ލައިސަންސް ބާތިލުކޮށްފައިވާނަމަ، އަދަބުގެ މުއްދަތު ހަމަވުމަށްފަހު ވެސް އޭނާއަށް އަލުން ލައިސަންސް ހެދޭނީ ހާއްސަ ކަންތައްތަކެއް ފުރިހަމަކޮށްގެންނެވެ. އެގޮތުން، ކަނޑައެޅިފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، އަލުން އިމްތިހާނުތަކުން ފާސްވެގެން ނޫނީ އެމީހަކަށް ލައިސަންސް ދޫނުކުރާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.