ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ވިލިސްޓަން ރެޒަވުއާއިން ފެނުނު ދެ ފުޓުބޯޅަ ދަނޑުގެ ބޮޑުމިން ހުރި ރަށެއް، ކުއްލި ގޮތަކަށް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
ގަސްތަކުން ފުރިފައިވާ މި ބޮޑު ރަށް ގެއްލިފައިވަނީ، އެންމެ ފުރަތަމަ ފެނުނުތާ މަދު ހަފުތާތަކެއްގެ ތެރޭގަ އެވެ.
މި ބޮޑު ރަށް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ނެގި ސެޓެލައިޓް މަންޒަރުތަކަކުންނެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި އެއީ ވަރަށް ގިނަ އަދަދަކަށް ގަސް ހެދިފައި އޮތް ބޮޑު ރަށެކެވެ. ނަމަވެސް އޮގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް އައިއިރު، އެ ރަށް އޮތް ސަރަހައްދުން ވަނީ އެކީގައި ގެއްލިފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ ހަގީގީ ރަށަކަށް ވުރެ ބޮޑަށް، ފެންގަނޑު ބޮޑުވުމުގެ ސަބަބުން އެއްގަމުން ކަނޑައިގެން އައިސްފައިވާ ބޮޑު ބައެކެވެ. އެގޮތުން ފެންގަނޑުގެ ލޮނުގަނޑު އުފުލުމުން، ގަސްތަކާއެކު އޮތް ބޮޑު ބައެއް ވަކިވެގެން ފެންމައްޗަށް އެރީ ކަމަށް ބެލެވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން އޮފިޝަލުން ބުނީ މި ރަށް ގެއްލެން މެދުވެރިވީ ގަދަ ވަޔާއި އޮއިގެ ސަބަބުން އެ ރަށް ގިރާލައިގެންކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެ ރަށް މިހާރު އޮތް ސީދާ ތަނެއް އަދިވެސް ހޯދިފައެއް ނުވެ އެވެ.
މިހާ ބޮޑު ރަށެއް ކުއްލިއަކަށް ފެނިފައި، އަދި ހަމަ އެހާ އަވަހަށް ގެއްލުމަކީ އާންމުންގެ މެދުގައި ބޮޑު ހައިރާންކަމެއް އުފެދުނު ކަމެކެވެ. އޮފިޝަލުން މިހާރު ވެސް އަންނަނީ މި ރަށް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
