އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެމުން އަންނަ ކޮމިއުނިޓީ ޝީލްޑް މެޗުގެ ފަހުވަގުތު ކެލެޗީ އިހެނާޗޯ ވައްދާލި ލަނޑުން މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާ ސިޓީން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ލެސްޓާ އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1971 ވަނަ އަހަރު ލިވަޕޫލް ބަލިކޮށްފައެވެ.

ލެސްޓާ އިން މިރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ވެސްލީ ފޮފާނާ ނުކުޅެއެވެ. ސިޓީން މި މެޗަށް ނިކުތީ ކެވިން ޑި ބްރޭނާ އާއި ރަހީމް ސްޓާލިން އަދި ފިލް ފޯޑެންގެ ބަދަލުގައި ޒުވާން ކުޅުންތެރިން ކަމަށްވާ ކެވިން ޕަލްމާ އާއި ސޭމް އެޑޯޒީ އަށް ފުރުޞަތުދީގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ސިޓީ އަށް ލީޑްނަގައިދޭން ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ހިލޭޖެހުމަކުން ގުންޑޮގާން ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއިރު، ވިންގަށް ކުޅެމުންދިޔަ އެޑޯޒީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. ލެސްޓާގެ އަބަދަށްފެހި ފޯވާޑް ޖެމީ ވާޑީ އަށް ލިބުނު ފުރުޞަތުގައި ގޯލާއި 12 ޔާޑު ކައިރިން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ޒެކް ސްޓެފެން މަތަކުރިއެވެ.

ސެންޓަ ފޯވާޑެއްނެތި ކުޅެމުންދިޔަ ސިޓީ އަށް ލެސްޓާގެ ޑިފެންސް ފޫއަޅުވާލުމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު، ދާދިފަހުން އިނގިރޭސިވިލާތުގެ ރެކޯޑް ޓްރާންސްފާ ފީ އަކަށް އެ ޓީމާ ގުޅުނު ޖެކް ގްރީލިޝް ފަހު ހާފުގައި ކުޅެން ނިކުމެ ރަނގަޅު ކުޅުމެއްދެއްކޭގޮތެއްނުވިއެވެ.

ލެސްޓާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިހެނާޗޯ އެވެ. ލެސްޓާގެ ފޯވާޑް އިހެނާޗޯ އަށް ޕެނަލްޓީއޭރިޔާތެރެއިން ސިޓީގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ކުރި ފައުލަކަށް، ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މި ގޯލާއެކު އިހެނާޗޯ ވަނީ 2001 ވަނަ އަހަރުގެ ފަހުން ކޮމިއުނިޓީ ޝީލްޑް މެޗެއްގެ ފުރިހަމަވަގުތުގެ ތެރޭގައި ޕެނަލްޓީއެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މިއީ ވެމްބްލީގައި ސިޓީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ ފަހަރެވެ. އޭގެކުރީން އެ ދަނޑުގައި އެ ޓީމު ކުޅުނު 15 މެޗުގެ ތެރެއިން ބަލިވީ ވެސް ތިން މެޗުންނެވެ. އަދި މިއީ ލެސްޓާގެ ތާރީޚުގައި ލީގު ނޫން މެޗެއްގައި 1968 ވަނަ އަހަރުގެ ފަހުން ސިޓީ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން، މިއީ ކުރީން ލިވަޕޫލް އަދި ސެލްޓިކަށް ކޯޗުކޮށްދިން ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ލެސްޓާ އިން ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. އެ ޓީމުން މިދިޔަ ސީޒަނުގެ އެފްއޭކަޕް ކާމިޔާބުކުރީ ފައިނަލްގައި 1-0 އިން ޗެލްސީ ބަލިކޮށްގެންނެވެ.