ސްރީލަންކާގެ މަޝްހޫރު މޮޑެލް އަދި ޕޭޖަންޓް ޑައިރެކްޓަރު ޗުލްޕަދްމެންދްރާ ކުމާރަޕަތިރާނާ ނުވަތަ އާންމު ނަމުން ނަމަ ޗޫލާ އުމުރުން 46 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުވީ ގޭގައި އުޅެނިކޮށް ކުއްލި ގޮތަކަށް ބަލިވެގެން ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
ޗޫލާ ވަނީ ސްރީލަންކާގެ ފެޝަން އިންޑަސްޓްރީގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކްޓްކުރުމުގެ ދާއިރާއިން ކެރިއަރު ފެށި ޗޫލާ އާންމުންގެ މެދުގައި އެންމެ ބޮޑަށް ފާހަގަވީ "ވަހިންނަ މުތު ވެއްސަކް" ޑްރާމާއިންނެވެ. އޭގެ ފަހުން މޮޑެލް ކުރުމާއި ޒުވާން މޮޑެލުން ތަމްރީނު ކުރުމުގައި އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.
ފަހަކާ ޖެހެންދެން ވެސް ޗޫލާ އައީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އޭނާ މަރުވުމުގެ މަދު ދުވަސްކޮޅެއް ކުރިން ވެސް އިވެންޓެއްގައި ބައިވެރިވެފައި ވާއިރު، މިއީ އެ ދާއިރާގެ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. ޗޫލާ މަރުވި ސީދާ ސަބަބު އަދި ކަށަވަރުވެފައެއް ނުވެ އެވެ.
