ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްގެ ސީއީއޯގެ މަގާމުން ޓިމް ކުކް އަންގާރަ ދުވަހު ވަކިވެއްޖެ އެވެ. އޭނާ ވަނީ ޕްލޭންކުރެވިފައިވާ ގޮތުގެ މަތިން، ކުންފުނީގެ އާ ސީއީއޯ ޖޯން ޓާނަސްއާ މަގާމުގެ ޒިންމާތައް ހަވާލުކޮށްފަ އެވެ.

މީގެ 15 އަހަރު ކުރިން 2011 ވަނަ އަހަރު އެޕަލްގެ ފައުންޑަރު ސްޓީވް ޖޮބްސްގެ ފަރާތުން ސީއީއޯގެ މަގާމާ ހަވާލުވި ޓިމް ކުކްގެ ދައުރުގައި އެ ކުންފުނި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އޭނާ ސީއީއޯގެ މަގާމުން ވަކިވި ނަމަވެސް، ދެން ހަރަކާތްތެރިވާނީ އެޕަލްގެ ބޯޑު އޮފް ޑިރެކްޓަރުންގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގަ އެވެ. އެހެންކަމުން ކުންފުނީގެ މުހިންމު ނިންމުންތަކުގައި އޭނާގެ ހިއްސާ ކުރިއަށް އޮތް ތާނގައި ވެސް އޮންނާނެ އެވެ.

އެޕަލްގެ އާ ސީއީއޯގެ މަގާމާ ހަވާލުވި ޓާނަސް އަކީ އެ ކުންފުނީގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ތަޖުރިބާކާރެކެވެ. މީގެ ކުރިން އޭނާ އަދާކުރީ އެޕަލްގެ ހާޑްވެއާ އިންޖިނިއަރިން ޑިޕާޓްމަންޓުގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމެވެ. ސީއީއޯ ބަދަލުކުރުމަށް އެޕަލްއިން ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނުކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މަގާމުން ވަކިވުމާ ގުޅިގެން މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ޓިމް ކުކް ބުނީ، އޭނާގެ މަގާމު ބަދަލުވި ނަމަވެސް އެޕަލް ކޮމިއުނިޓީއާ މެދު އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެޕަލް ފަދަ ކާމިޔާބު ކުންފުންޏެއްގެ ސީއީއޯކަން ކުރުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ފަހުރު ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާގެ ބަދަލުގައި މަގާމާ ހަވާލުވި ޓާނަސްއަކީ އެޕަލްގެ ކުރިމަގު ބައްޓަންކުރުމަށް އެންމެ ގާބިލު މީހާ ކަމަށް ޓިމް ކުކް ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ތާނގައި އެޕަލްއިން ބާއްވާ ހާއްސަ އިވެންޓުތަކާއި އާ އުފެއްދުންތައް ނެރުމުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ދެން ފެންނާނީ އާ ސީއީއޯ ޓާނަސް އެވެ.