މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ލަވައެއް ކަމަށްވާ "އޮންލީ ގާލް (އިން ދަ ވޯލްޑް)" ސްޕޮޓިފައިގައި 2 ބިލިއަން ސްޓްރީމް ހުރަސްކުރުމާ އެކު، އެ ޕްލެޓްފޯމުގައި އޭނާ އާ ރެކޯޑެއް ހަދައިފި އެވެ. މި ލަވައާ އެކު ރިހާނާ ވެފައި ވަނީ 2 ބިލިއަން ސްޓްރީމް ލިބުނު 8 ލަވަ ސްޕޮޓިފައިގައި އޮތް ހަމައެކަނި އަންހެން އާޓިސްޓަށެވެ.

މިއީ އިންޓަނޭޝަނަލް މިއުޒިކް އިންޑަސްޓްރީގައި އަންހެން އާޓިސްޓަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސްޕޮޓިފައިގެ ތާރީހަށް ބަލާއިރު، މި ލިސްޓުގައި ރިހާނާގެ ކުރީގައި އުޅެނީ ފިރިހެން ތިން އާޓިސްޓުންނެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ދަ ވީކެންޑް، ބްރޫނޯ މާސް އަދި ޖަސްޓިން ބީބާ އެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބާބޭޑޯސް އަށް އުފަން ރިހާނާ އަކީ މިއުޒިކީ ދުނިޔޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އަމްބްރެލާ"، "ޑައިމަންޑްސް" އަދި "ވީ ފައުންޑް ލަވް" ހިމެނެ އެވެ. މި ލަވަތަކަކީ ވެސް ސްޕޮޓިފައިގައި އެތައް މިލިއަން ބަޔަކު އަޑުއަހާފައިވާ ލަވަތަކެކެވެ.

ރިހާނާ މި ރެކޯޑު ހަދާފައިވާ އިރު، އޭނާ އާ ސްޓޫޑިއޯ އަލްބަމެއް ނުނެރޭތާ މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. ރިހާނާ އެންމެ ފަހުން އަލްބަމެއް ނެރެފައި ވަނީ 2016 ވަނަ އަހަރު އެވެ. އެއީ އޭނާގެ މަޝްހޫރު އަލްބަމް "އެންޓި" އެވެ.

އާ އަލްބަމެއް ނުނެރެ، މިއުޒިކީ އިންޑަސްޓްރީއާ ދުރުގައި ހުރި ނަމަވެސް، މި ރެކޯޑުން ދައްކުވައިދެނީ ރިހާނާގެ ލަވަތަކަށް އޮތް ޑިމާންޑް ކުޑަނުވާ ކަމެވެ. އަދި އޭނާގެ މިއުޒިކަށް މީހުން ކުރާ ލޯތްބާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިހާނާގެ މަގުބޫލުކަން އަދިވެސް ދެމިއޮތްކަން މި ކާމިޔާބީން ސާބިތުކޮށްދެ އެވެ.