އިންޑިއާގެ އުއްތަރަ ޕްރަދޭޝް (ޔޫޕީ) ސަރުކާރުން، އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާނުލާ އަދި އިހުތިރާމު ނުކުރާ ދަރިން އެ މީހުންގެ ގެދޮރުން ނެރެލެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މުސްކުޅި މައިންބަފައިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުންނެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ "އުއްތަރަ ޕްރަދޭޝް މެއިންޓެނެންސް އެންޑް ވެލްފެއާ އޮފް ޕޭރެންޓްސް އެންޑް ސީނިއާ ސިޓިޒަންސް ރޫލްސް" އަށެވެ. މި ގަވާއިދަށް ގެންނަ އާ އިސްލާހުގެ ދަށުން، މައިންބަފައިންނަށް ހިދުމަތް ނުކުރާ ނަމަ، އެ މީހުންގެ މުދަލާއި ގެދޮރުން ދަރިން ބޭރުކޮށްލުމުގެ ފުރިހަމަ އިހުތިޔާރު މައިންބަފައިންނަށް ލިބިގެންދާނެއެވެ.

މިހާތަނަށް އޮތް ގޮތުން، މައިންބަފައިންގެ މުދާ ނުވަތަ ގެދޮރު ދަރިންގެ ނަމަށް ބަދަލުކުރުމަށް ފަހު، އެ މީހުންނަށް އަޅާނުލައި ދޫކޮށްލާ މައްސަލަތައް އިންޑިއާގައި ވަރަށް ގިނައިން ފެންމަތިވެއެވެ. އާ އިސްލާހާ އެކު، މިފަދަ ހާލަތްތަކުގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، މުދާ އަނބުރާ ހޯދުމުގެ މަގު އުމުރުން ދުވަސްވީ މީހުންނަށް ފަހިވެގެންދާނެއެވެ.

ޔޫޕީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދަރިންގެ ކިބައިން މައިންބަފައިންނަށް ލިބެންޖެހޭ އަޅާލުމާއި ލޯބި ކަށަވަރުކުރުމެވެ. އަދި އަމިއްލަ ގެދޮރުގައި ތިބެގެން ނިކަމެތިކަން ތަހައްމަލުކުރަން ޖެހޭ މީހުންނަށް އިންސާފު ހޯދައިދިނުމަކީ ވެސް މީގެ ބޭނުމެއް ކަމަށް އޮފިޝަލުން ބުންޏެވެ.

މި ގަވާއިދަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް ޔޫޕީގެ ކެބިނެޓަށް ހުށަހަޅައި ފާސްކުރާނެ ކަމަށް ބެލެވެއެވެ. މި ގާނޫނު ތަންފީޒުކުރަން ފެށުމުން، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތައް މަދުވެ، މުޖުތަމައުގައި އެ މީހުންނަށް އޮންނަ ގަދަރު އިތުރުވެގެންދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.