މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބި، ދައުލަތުގެ އާމްދަނީ 6.9 ޕަސަންޓު އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 26.12 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ އާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ޓެކްސް އާމްދަނީއަށް އައި ކުރިއެރުމާ ގުޅިގެންނެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ޓެކްސް އާމްދަނީ ވަނީ 9.2 ޕަސަންޓު އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީ އާއި ޓީޖީއެސްޓީންނެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 27 އޮގަސްޓްގެ ނިޔަލަށް ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.1 ޕަސަންޓު އިތުރު އަދަދެކެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.4 ޕަސަންޓުގެ ކުރިއެރުމެކެވެ.
ޓެކުހުގެ އިތުރުން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް ވަނީ 32.0 ޕަސަންޓުގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދާއިރާއިން 1.68 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާ އާއި ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 88.0 ޕަސަންޓު އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. އޭގެ އިތުރުން ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ 19.7 ޕަސަންޓު އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަދި ކޯޕަރޭޓް އިންކަމް ޓެކްސް 6.1 ޕަސަންޓު އިތުރުވެ 2.87 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
