ވިއެޓްނާމްގައި މިހާރު ކުރިއަށްދާ 73 ވަނަ މިސް ވޯލްޑް މުބާރާތުގެ ތެރެއިން، ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ބައިވެރިޔާ މަރިޔަމް އީމާ މުހައްމަދު (ނޮވް) އަށް އެންމެ ކަމަކަށް އެދެވޭނެ ނަމަ އެދޭނީ ކޮން ކަމަކަށްތޯ އެހުމުން، އޭނާގެ އެންމެ ބޮޑު އުންމީދަކީ ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ލުޔެއް ލިބުން ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 23 އަހަރުގެ އީމާއަކީ މިސް ވޯލްޑްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަރާތެވެ. އޭނާ މި މުބާރާތަށް ހޮވިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 3 ވަނަ ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އިންޓަނޭޝަނަލް ފެންވަރުގައި ރާއްޖޭގެ ނަން ވިދާލުމަށް އީމާ ކުރަމުންދާ މަސައްކަތުގައި، އޭނާ ވަނީ މިސް ވޯލްޑްގެ އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ ފަހެއްގައި ވެސް ހިމެނިފައެވެ.
އީމާގެ މި ހިތްގައިމު ޖަވާބު އަމާޒުކޮށްފައިވަނީ، މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއަށެވެ. ގްލޭސިއާއެއް (ގަނޑުފެންގަނޑެއް) ކަނޑައިގެން ގޮސްގެން އައި ބޮޑު ފެންގަނޑުގެ ސަބަބުން ނޭޕާލްގެ އެކި ސަރަހައްދުތަކުން 1،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 4،000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެތައް ބައެއްގެ ގެދޮރާއި މުދާ ވަނީ އެއްކޮށް ހަލާކުވެފައެވެ.
މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން އީމާ ބުނީ "މިވަގުތު އަހަރެންގެ ހަމައެކަނި އެދުމަކީ ނޭޕާލްގެ ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ލިބުން. އަދި އެމީހުންގެ ގެއްލިފައިވާ އާއިލާގެ މީހުންނާއި ލޯބިވާ މީހުން ފެނި، މި ހިތާމަވެރި ކާރިސާއިން އަރައިގަނެވުން. މީގެ އިތުރުން ނޭޕާލްގެ މީހުންނަށް އަލުން އެމީހުންގެ އުފާވެރިކަން އަނބުރާ ލިބުމަކީ އަހަރެންގެ ވަރަށް ބޮޑު އުންމީދެއް." ކަމަށެވެ.
ނަފްސާނީ އިލްމު ކިޔަވަމުންދާ އީމާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ވެސް އަޑުއުފުލާ ޒުވާނެކެވެ. އޭނާގެ މި ހިތްވަރުގަދަ އަދި އޯގާތެރި ޖަވާބުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ދަނީ ލިބެމުންނެވެ. ވިއެޓްނާމްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
