ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ، އެ ސްޓޭޓްގެ ސޭލަމް ޑިސްޓްރިކްޓަށް އަންގާރަ ދުވަހު ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، އުމުރުން ދުވަސްވީ އަންހެނަކާ ބައްދަލުކުރައްވައި 7000 އެއްހާ ރުފިޔާގެ އަގުބޮޑު އައިނެއް ހަދިޔާކުރައްވައިފިއެވެ.
ވިޖޭ ހަދިޔާކުރެއްވީ އޭނާ އަމިއްލަފުޅަށް އަޅުއްވައިގެން ހުންނެވި ކްރިސްޓިއަން ޑިއޯ ބްރޭންޑްގެ އައިނެކެވެ. މިއީ އާންމު ރައްޔިތުންނާ އޭނާއާ ދެމެދު އޮންނަ ގާތްގުޅުން ދައްކުވައިދިނުމުގެ ގޮތުން ކުރެއްވި ކަމެކެވެ.
ވިޖޭ ސޭލަމް އަށް ވަޑައިގަތީ އެ ސަރަހައްދުގެ ދަނޑުވެރިކަމަށް ފެން ދޫކުރުމަށްޓަކައި މެޓޫރް ޑޭމް ހުޅުވައިދެއްވުމަށެވެ. އެ ރަސްމިއްޔާތަށްފަހު އެނބުރި އެއާޕޯޓަށް ވަޑައިގަތުމުގެ މަގުމަތީގައި، ކުރިން ރޭވިފައި ނެތް ގޮތަކަށް އޭނާ ވަނީ މަގުމަތީގައި ހުރި ދަނޑަކަށް މަޑުކުރައްވާފައެވެ. އަދި އެތަނުގައި މަސައްކަތްކުރަން ތިބި އުމުރުން ދުވަސްވީ އަންހެނުންތަކަކާ އޭނާ ބައްދަލުކުރެއްވިއެވެ.
އެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދެއްކެވުމުގެ ތެރެއިން، ޗެލަމް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އަންހެނަކު ވަނީ ވިޖޭގެ އަތުގައި ހިފައިފައެވެ. ވިޖޭ ވަނީ އޭނާގެ ހާލު އައްސަވައި، ކައިފިންތޯ ސުވާލުކުރައްވާފައެވެ. އެއަށްފަހު، އެ އަންހެން މީހާއާއެކު ހިންގަވާފައި ވަޑައިގަންނަވަމުން، ވިޖޭ ވަނީ އޭނާ އަޅުއްވައިގެން ހުންނެވި އައިނު ނަންގަވައި ޗެލަމްގެ ލޮލުގައި އަޅުއްވައިދެއްވާފައެވެ.
މިކަމާ ގުޅިގެން ވަރަށް ބޮޑަށް އުފާވެފައި ހުރި ޗެލަމް ބުނި ގޮތުގައި، އެ އައިނު ލިބުމުން އެތައް މިލިއަން ރުފިޔާއެއް ލިބުނު ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އަދި އޭނާ ނުކައި ހުރީ ވިޖޭއާ ބައްދަލުކުރުމަށް ކަމަށް ވާއިރު، ފިލްމުތަކުން ފެންނަ ގޮތާ އަސްލު ވިޖޭއާ އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް ޗެލަމް ބުންޏެވެ.
ވިޖޭ އެ އަންހެން މީހާއަށް އައިނު ހަދިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެތައް ބަޔަކު އަންނަނީ ވިޖޭގެ މި އޯގާތެރި އަމަލަށް ތައުރީފުކުރަމުންނެވެ. ގާތްގަނޑަކަށް 15 މިނެޓަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވިޖޭ ވަނީ އެ ސަރަހައްދުގެ ދަނޑުވެރިންނަށް ހެދުން ވެސް ހަދިޔާކުރައްވާފައެވެ.
