މާލޭގެ ބޮޑުތަކުރުފާނު މަގުގައި، ދަރުބާރުގެ ކައިރީގައި މިއަދު ހަވީރު ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 17:10 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އަދި އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ހަތެއް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ އެވެ.
އޭގެ އިތުރުން، ދާދި ފަހުން ހިޔާ ފްލެޓް ސަރަހައްދުގައި ހިނގި އެހެން އެކްސިޑެންޓެއްގައި ވެސް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވެ އެވެ. ހާލު ސީރިއަސްވުމުގެ ސަބަބުން އެމީހާއަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
