ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 645 މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިފަހަރު ވިއްކަން ނިންމާފައިވަނީ ތަފާތު ހަތަރު މުއްދަތެއްގެ ޓީބިލެވެ. އޭގެ ތެރޭގައި ހިމެނެނީ 3.50 ޕަސަންޓުގެ އިންޓްރެސްޓުގައި ވިއްކާ 265 މިލިއަން ރުފިޔާގެ ޓީބިލާއި، 3.87 ޕަސަންޓުގެ އިންޓްރެސްޓުގައި ވިއްކާ 50 މިލިއަން ރުފިޔާގެ ޓީބިލެވެ. މީގެ އިތުރުން 4.23 ޕަސަންޓުގެ އިންޓްރެސްޓުގައި 247 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 4.60 ޕަސަންޓުގެ އިންޓްރެސްޓުގައި 83.4 މިލިއަން ރުފިޔާގެ ޓީބިލް ވެސް ވަނީ ވިއްކަން ހުޅުވާލާފައެވެ.
ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދުތައް ބޮޑުވާ ހާލަތްތަކުގައި، ހަރަދުތައް ފޫބެއްދުމަށް ސަރުކާރުން ދޭތެރެ ދޭތެރެއިން އަބަދުވެސް ޓީބިލް ވިއްކައެވެ. މިގޮތުން ނިމިދިޔަ މަހުވެސް 1.1 ބިލިއަން ރުފިޔާއާ ހަމައަށް ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ވިއްކާ ޓީބިލްތައް އާންމުގޮތެއްގައި ގަންނަނީ ޕެންޝަން އޮފީހުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އަދި ބައެއް ފަހަރު އަމިއްލަ ބޮޑެތި ކުންފުނިތަކާއި ބޭންކުތަކުންވެސް ސަރުކާރުގެ ޓީބިލްތައް ގަނެފައި ހުރެއެވެ.
ޓީބިލަކީ ސަރުކާރަށް ފައިސާ ބޭނުންވުމުން، ކަނޑައެޅިފައިވާ މުއްދަތެއްގައި ފައިދާއާއެކު އަނބުރާ ދައްކާ ގޮތަށް ވިއްކާ ކުރު މުއްދަތުގެ މާލީ ސެކިއުރިޓީއެކެވެ. މީގެ ސަބަބުން ވަގުތީ ގޮތުން ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް ސަރުކާރަށް ބޮޑު ލުޔެއް ލިބިގެންދެއެވެ.
