ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ރާއްޖޭގެ މަސްވެރިންނަށް މިދިޔަ މަހު 29.9 މިލިޔަން ރުފިޔާ ދޫކޮށްފިކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި ފައިސާއަކީ އޮގަސްޓު މަހުގެ ތެރޭގައި އެ ކުންފުންޏަށް މަސްވެރިން ކިރުވި މަހަށް ދީފައިވާ ފައިސާއެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު އެ ކުންފުންޏަށް މަސް ކިރުވި ދޯނިތަކުގެ އަދަދު ވަނީ މަދުވެފައެވެ. އެގޮތުން ޖުލައި މަހު 822 ދޯނިން މަސް ކިރުވިއިރު، މިދިޔަ މަހު މަސް ކިރުވާފައިވަނީ 555 ދޯނިންނެވެ. މިއީ ކުރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ދޯނިތަކުގެ އަދަދު މަދުވުމާ ގުޅިގެން، ކިރުވި މަހުގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޖުލައި މަހު 2،474 ޓަނުގެ މަސް ކިރުވާފައިވީ ނަމަވެސް، މިދިޔަ މަހު މިފްކޯގެ ފެސިލިޓީތަކަށް ކިރުވީ 1،488 ޓަނުގެ މަހެވެ. މިއީ 39 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ ސަބަބުން، މަސްވެރިންނަށް ދޫކުރި ފައިސާގެ މިންވަރުވެސް 49.7 މިލިޔަން ރުފިޔާއިން 29.9 މިލިޔަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން މިހާރު ދަށްވެފައިވަނީ މޫސުން ގޯސްވުމާއި އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. އާންމުކޮށްވެސް ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަސްވެރިކަން ދަށްވާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ބައެއް ދުވަސްދުވަހު އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރާ ފައިސާ އެއް މިލިޔަން ރުފިޔާއަށްވުރެ ވެސް ދަށަށް ދެއެވެ.

ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް ހެދުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމުގެ ސިޔާސަތެއް ވަނީ ތައާރަފުކޮށްފައެވެ. މި އުސޫލުގެ ދަށުން، މިހާތަނަށް 2.2 ބިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން ސަރުކާރުން ހާމަކުރެއެވެ.