ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތަކަށް އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ، އަބްދުﷲ ޝަރީފު ނިޔާވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ޝަރީފު ނިޔާވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި އޭނާ އަކީ ދައުލަތަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އަބްދުﷲ ޝަރީފަކީ ސަރުކާރަށް 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 34 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހިދުމަތް ކުރެއްވީ ރައީސް އޮފީހުގަ އެވެ. ދިގު މުއްދަތެއްގައި ކުރެއްވި މި މަސައްކަތުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަބްދުﷲ ޝަރީފަކީ ނުހަނު ހިންގުންތެރި ބޭފުޅެކެވެ. އަދި އޭނާ މަސައްކަތް ކުރެއްވީ އެހާމެ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި، އޭނާ އަކީ މަސައްކަތުގެ އަހުލާގު ވަރަށް ބޮޑަށް ހިފެހެއްޓެވި ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަބްދުﷲ ޝަރީފު އަވަހާރަވުމުގެ ހިތާމައިގައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފަ އެވެ. އަދި މާތް الله ގެ ރުއްސެވުމާއި ފުއްސެވުމުގައި މަރުހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.