ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ރަހީނުކޮށް އޭނާއަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ކްލެމެންޓް ނަމަކަށް ކިޔާ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ، މުއްސަނދިންނަށް އަމާޒުކޮށްގެން ކުށްކުރާ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައި، އެމްބާޕޭގެ އިތުރުން ވެސް ގިނަ ބަޔަކު ރަހީނުކުރަން ރާވާފައިވާކަން ފުލުހުންނަށް ހޯދުމާ ގުޅިގެންނެވެ.
ފަރަންސޭސި ނޫހެއް ކަމަށްވާ "ލެ ޕަރީޒިއަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "ލެސްޓާ ޒެޑް" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ކްލެމެންޓަކީ މި ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށް ތުހުމަތުކުރެވެއެވެ. މި ގުރޫޕުގެ މައިގަނޑު އަމާޒަކީ މުއްސަނދި ވިޔަފާރިވެރިންނާއި، މަޝްހޫރު ލަވަކިޔުންތެރިންގެ އިތުރުން ނަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ރަހީނުކޮށްގެން ބިރުދެއްކުމެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ހިފެހެއްޓި ފޯނުތަކެއް ބަލައި ފާސްކުރިއިރު، އެމީހުން ހަމަލާދޭން ނުވަތަ ރަހީނުކުރަން އަމާޒުކޮށްފައިވާ 26 މީހެއްގެ ލިސްޓެއް ފެނިފައިވެއެވެ. އޭގެ ތެރޭގައި އެމްބާޕޭގެ ނަން ވެސް ހިމެނޭއިރު، އެމްބާޕޭ ރަހީނުކޮށް އޭނާއަށް ހަމަލާދޭނެ ގޮތުގެ ރޭވުންތައް ވެސް އެ ފޯނުތަކުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކްލެމެންޓްގެ މައްޗަށް ރަސްމީކޮށް ތަހުގީގު ފަށާފައިވަނީ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން އެކަހެރިކޮށް ބަންދުކޮށްފައެވެ. ނަމަވެސް މިކަމުގައި އޭނާއަށް އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ އެހެން މީހަކު ވަނީ ކޯޓުގެ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
މި ފަދަ ނުރައްކާތެރި ރޭވުމަކުން އެމްބާޕޭ ސަލާމަތްވެފައިވާއިރު، އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ފަރަންސޭސި ފުލުހުން މިހާރު ދަނީ މި ނެޓްވޯކުގައި ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ލިސްޓުގައި ހިމެނޭ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
