ބާސެލޯނާ އަދި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ އިސްކޮޅު، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 12 ސެންޓިމީޓަރު ދިގުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާގެ ހަށިގަނޑަށް އައިސްފައިވާ މި ބޮޑު ބަދަލާއެކު، އޭނާގެ ކުޅުމަށް ވެސް ދަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ.

ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން ޔަމާލްގެ އިސްކޮޅުގައި ހުރީ 171 ސެންޓިމީޓަރެވެ. ނަމަވެސް މިހާރު އޭނާގެ އިސްކޮޅު ވަނީ 183 ސެންޓިމީޓަރަށް ދިގުވެފަ އެވެ. ހަށިގަނޑަށް އައި މި ބޮޑު ބަދަލާއެކު ވެސް، ބާސެލޯނާ އަދި ސްޕެއިންގެ ޓީމުގައި އޭނާ އަންނަނީ އެންމެ މަތީ ފެންވަރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޔަމާލްގެ ބާރު ދުވުމާއި ބޯޅަ ހިފައިގެން ކުރިއަށް އަރާ ހުނަރުގެ ސަބަބުން މީގެ ކުރިން ވެސް އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުންނަށް ވަނީ އޭނާ ހުއްޓުވަން އުނދަގޫވެފަ އެވެ. ނަމަވެސް މިހާރު އިސްކޮޅުން ދިގުވެ، ހަށިގަނޑު އިތުރަށް ވަރުގަދަވުމަކީ ޑިފެންޑަރުންނަށް ކުރިމަތިވާނެ އިތުރު ބިރެއް ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

"މިއީ އިދިކޮޅު ކުޅުންތެރިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. ހަށިގަނޑު ވަރުގަދަވެގެން އައުމުން ޔަމާލް ހުއްޓުވަން މިހާރު މާ އުނދަގޫވާނެ،" ކަމަށް ބޭރުގެ ކުޅިވަރު ނޫހަކުން ރިޕޯޓުކޮށްފައިވެ އެވެ. މިއީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ފައިދާއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޔަމާލްގެ އުމުރުން އަދި ކިރިޔާ 19 އަހަރު ފުރުނުއިރު، އޭނާގެ ހަށިގަނޑަށާއި ކުޅުމަށް އަންނަމުންދާ މި ބަދަލުތަކަކީ ފުޓުބޯޅައިގެ ދުނިޔެއަށް އޮތް ބޮޑު ހައިރާންކަމެކެވެ. ކުރިއަށް އޮތް ތަނުގައި އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.