އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓަށް ނިސްބަތްވާ އާއިލާއަކަށް، ގާތްގަނޑަކަށް 200 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ. ދާހިފާލޭ އާއިލާއަށް އުފަންވި މި ކުއްޖާއަށް ކިޔަނީ ގާރްގީ އެވެ. މިއީ އެ އާއިލާގެ ހަތަރު ޖީލުގެ ތެރޭގައި ވެސް އުފަންވި ފުރަތަމަ އަންހެން ކުއްޖާ އެވެ.

މި ތާރީހީ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އެ އާއިލާއިން ވަނީ ވަރަށް ކުލަގަދަކޮށް އެ ކުއްޖާއަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން، ހޮސްޕިޓަލުން ދޫކޮށްލުމުން ތުއްތު ކުއްޖާއާއި ކުއްޖާގެ މަންމަ ގެއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައިވާ ޝާހީ ގާޑިޔަލެއްގަ އެވެ.

މަހާރާޝްޓްރާގެ ބީޑް ޑިސްޓްރިކްޓްގެ ޕާލީ ސަރަހައްދަށް ނިސްބަތްވާ މި އާއިލާގައި ފާއިތުވި ގިނަ އަހަރުތަކުގައި އުފަންވެފައިވަނީ ހުސް ފިރިހެން ކުދިންނެވެ. އެހެންކަމުން، މި އަންހެން ކުއްޖާގެ އުފަންވުމަކީ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އާއިލާގެ މެމްބަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ކުއްޖާގެ އާއިލާއިން ބުނީ، މިއީ އެތައް ޖީލަކަށް ދެމިގެންދިޔަ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި މި އުފާވެރި ވަގުތުކޮޅަކީ މުޅި އުމުރަށް ވެސް އެ މީހުން ހަނދާންކުރާނެ، އަދި އެންމެ ފަހުރުވެރިވާނެ އެއް ދުވަސް ކަމަށް އާއިލާއިން ބުންޏެވެ.

ތުއްތު ގާރްގީ ގެއަށް ގެނައި ވަގުތު، މުޅި ސަރަހައްދުގައި ވަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަގާފީ ބެރުގެ ހަރަކާތްތަކާއި، މިއުޒިކާއި އަދި ނެށުމުގެ ހަރަކާތްތައް ވެސް ހިމެނެ އެވެ. މިއީ އިންޑިއާގެ ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ހާދިސާއެކެވެ.