ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތް ކަމަށްވާ "މިސް ވޯލްޑް 2026" ގައި ރާއްޖެ ތަމްސީލުކުރާ މަރިޔަމް އީމާ މުހައްމަދު، އެ މުބާރާތުގެ ސްޓޭޖުގައި ދިވެހި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކާލުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބެން ފަށައިފިއެވެ. އީމާ މި ފުރިހަމަ ހުށަހެޅުން ދައްކާލާފައިވަނީ މުބާރާތުގެ ނޭޝަނަލް ކޮސްޓިއުމް އަދި ޑާންސަސް އޮފް ދަ ވޯލްޑް ސެގްމެންޓުގެ ތެރެއިންނެވެ.
މިސް ވޯލްޑްގެ އިންޓަނޭޝަނަލް ސްޓޭޖަށް އީމާ އަރާފައިވަނީ ދިވެހިންގެ ޒަމާންވީ އާދަކާދަ ރަމްޒުކޮށްދޭ ހެދުމެއްގައެވެ. އެގޮތުން އޭނާ ލައިގެން ހުރީ ދިވެހިވަންތަ ރަތް ލިބާހަކާއި ފޭއްޔެކެވެ. އޭގެ އިތުރުން ދިވެހިން ކުރީ ޒަމާނުގައި ބޭނުންކުރި ފެން ފައިވާނަކަށް އަރައިގެން އޭނާ ހުރިކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ސަގާފީ ހެދުމުގައި ސްޓޭޖަށް އެރުމުގެ އިތުރުން، އީމާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަގާފަތްތައް ދައްކާލާ ސެގްމެންޓުގައި ދިވެހި ނެށުމެއް ވެސް ހުށަހަޅައިދީފައެވެ. މި ހުށަހެޅުމުގެ ތެރެއިން އޭނާ ނަށަމުން ދިޔައިރު އަތުގައި ބަތްޕޮޅިއެއް އޮތެވެ. މިއީ ދިވެހިންގެ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބޭރު ދުނިޔެއަށް ދައްކާލުމަށް އޭނާ ބޭނުންކުރި ވަރަށް ތަފާތު އަދި ފުރިހަމަ ހިޔާލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ހުށަހެޅުމާއެކު ސޯޝަލް މީޑިއާގައި ދިވެހިން އަންނަނީ އީމާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އާންމުން ބުނަމުންދަނީ އަމިއްލަ ގައުމުގެ ސަގާފަތާއި އާދަކާދަ ބޭރުގެ ބޮޑު ޕްލެޓްފޯމެއްގައި މިހާ ފުރިހަމައަށް ދައްކާލުމަކީ ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާނެ ކަމެއް ކަމަށެވެ. އަދި އީމާގެ މި މަސައްކަތަކީ ރާއްޖޭގެ ނަން ރީތިކޮށްދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ރީތީގެ ރާނީން ވަނީ މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައެވެ. ނަމަވެސް، އީމާގެ މި ހުށަހެޅުމަކީ ދިވެހިވަންތަކަން އެންމެ ފުރިހަމައަށް ދައްކުވައިދިން އެއް ހުށަހެޅުން ކަމަށް ބެލެވެއެވެ.
