އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވެއްޖެއެވެ.
ނެހާ ޕަސްވާން ނަމަކަށް ކިޔާ މިކުއްޖާއަށް އަނިޔާކޮށްފައިނީ އޭނާގެ އާއިލާ މީހުންނެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާއަށް އަނިޔާކޮށްފައިވަނީ އޭނާ ހެދުން އަޅާގޮތުން ކަމަށެވެ.
އެ ކުއްޖާގެ މަންމަ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ އާއިލާ އަކީ ހިންދޫ ދީނަށް ވަރަށް ބޮޑަށް ތަބައަ ވާ ދީނީ ބައެއް އުޅޭ އާއިލާއެކެވެ. އެހެން ކަމުން އެ ކުއްޖާ ހެދުން އަޅާގޮތުން، އެ ކުއްޖާގެ ކާފަ އާއި އެކުއްޖާގެ ބޮޑުބޭބެ އެކަމާ ނުރުހުންވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާ ކޮށްފައިވަނީވެސް އެ ދެމީހުން ކަމަށް އެކުއްޖާގެ މަންމަ ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެކުއްޖާ އަޅާ ހެދުންތަށް ހުންނަނީ ކުރުކޮށް ގަޔަށް ބާރުކޮށެވެ. އަދި ތިރިން ލާފައި ހުންނަ ހަރުވާޅުވެސް ހުންނަނީ ކުރުކޮށް ގަޔަށް ބާރުކޮށެވެ. އެ ކުއްޖާގެ ކިބައިން އެކަން އިސްލާހުކުރަން ތަކުރާރުކޮށް ނަސޭހަތްތެރި ވީނަމަވެސް އެކަން އިސްލާހު ނުކުރުމުން އެކުއްޖާ އާއި އެކުއްޖާގެ ކާފައާއި ދެމެދު ހިނގި ޒުވާބެއްގައި އެކުއްޖާއަށް އަނިޔާ ކުރީ ކަމަށް އެ ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ. އޭނާ ބުނީ އެކުއްޖާއަށް އެމީހުން އަނިޔާ ދިނީ ދަނޑިބުރިއާއި ދަގަނޑު ބުރިތަކަކުންނެވެ.
ފުލުހުން ދަނީ އިތުރަށް މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ އެ ކުއްޖާ މަރުވެފައިވަނީ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އިންޑިޔާއަކީ މިފަދަ ގެވެށި އަނިޔާތައް ގިނަ އެއް ގައުމެވެ. އަދި މިފަދަ އަނިޔާތަކުގައި ގިނަ ބަޔަކުވަނީ އެ ގައުމުން މަރުވެސް ވެފައެވެ.
