ރާއްޖޭގެ ފަޅު ރަށްތައް ދޫކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ކުލި ނަގާނެ އާ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކުލަވާލި ފަޅު ރަށްރަށާ ބެހޭ އާ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ރައީސް މި ގާނޫނު ތަސްދީގުކުރެއްވުމާ އެކު، މީގެ ކުރިން އަމަލުކުރަމުން އައި ފަޅު ރަށްރަށާ ބެހޭ ގާނޫނު ވަނީ އުވިގެން ގޮސްފަ އެވެ. ނަމަވެސް އަލަށް ފާސްކުރި މި ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ގާނޫނު ތަސްދީގުކުރާތާ އެއް މަސް ދުވަސް ފަހުންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އެތައް އަހަރެއް ކުރިން ކުޑަ ކުއްޔަކަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތަކަށް ބަދަލު ގެންނަން ޖެހޭނެ އެވެ. އެގޮތުން، މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ކުލި އާ ގާނޫނުގައިވާ ގޮތުގެ މަތިން އަލުން ކަނޑައަޅައި، އެއްބަސްވުންތައް އާކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އާ ގާނޫނުގައި ފަޅު ރަށްތަކުން ކުލި ނަގާނެ އާ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސިނާއީ އަދި އިގްތިސާދީ ބޭނުންތަކަށް ދޫކުރާ ރަށްތަކުން އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުން ނަގާނީ އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ އެވެ. އަދި އިޖުތިމާއީ ބޭނުންތަކަށް ދޫކުރާ ރަށްތަކުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކު 2 ރުފިޔާ އެވެ.
ފަޅު ރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ކުރީގެ ގާނޫނު އުވާލުމަށް ފަހު، އެފަދަ ރަށްތައް ދޫކުރުމާ ބެހޭ ހަރުދަނާ އުސޫލުތަކެއް އަލުން ކަނޑައެޅުމެވެ. މީގެ ސަބަބުން ރަށްތައް ދޫކުރުމުގެ ކަންކަން ކުރިއަށް ވުރެ ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ އެވެ.
