ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އެންމެ ބޮޑު މާކެޓަކީ ޗައިނާއެވެ. އަދި މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެއް މިލިއަން މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ އެކި ރިސޯޓުތަކުގައެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި، ފެބުރުވަރީ މަހު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެގޮތުން މާރިޗު މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓޫރިސްޓުން އައި އަދަދު ދަށަށް ދިޔަ ނަމަވެސް، މިދިޔަ އޮގަސްޓު މަހު ވަނީ ޓޫރިޒަމް އަނެއްކާވެސް ރަނގަޅުވެ، ދެ ޕަސަންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ޕަސަންޓުގެ ދަށްވުމެއް ނަމަވެސް، އޮގަސްޓު މަހު ލިބުނު ކުރިއެރުމާ އެކު ކުރިއަށް އޮތް މަސްތަކުގައި އަދަދުތައް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މާކެޓުގެ އެއްވަނައިގައި ޗައިނާ އޮތީ 262،386 ޓޫރިސްޓުންނާ އެކުގައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 209،179 މީހުން އައިސްފައިވާއިރު، އިނގިރޭސިވިލާތުން ލައްކައަކަށް ވުރެ ގިނަ މީހުން އަދި އިޓަލީން 93،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން ރިސޯޓުތަކަށް ދިޔައިރު، ތިން ލައްކަ މީހުން ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި 33،000 މީހުން ހޮޓާތަކަށް ގޮސްފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.