މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން މިހާތަނަށް ކުރި ހޭދައިގެ އެންމެ ބޮޑު ބައެއް މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށް ހޭދަކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރީ އެންމެ 3.8 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި ހިސާބުތައް އާންމުކޮށްފައިވަނީ ދައުލަތުގެ މާލީ ހާލަތު އަންގައިދިނުމުގެ ގޮތުންނެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ބަޖެޓުން މިހާތަނަށް ކުރި ހޭދައިގެ 86 ޕަސަންޓަކީ މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމަށް ކުރި ހޭދަ އެވެ. އެގޮތުން ރިކަރަންޓް ހަރަދުތަކަށް 26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 10 ބިލިއަން ރުފިޔާ ހޭދަކުރީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އަދި އޮފީސްތައް ހިންގުމުގެ ހަރަދަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައާ އަޅާބަލާއިރު 18 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ރިކަރަންޓް ހަރަދަށް 22 ބިލިއަން ރުފިޔާ ހޭދަކުރިއިރު، އޭގެ ތެރެއިން މުސާރަ ދިނުމަށް ހޭދަކޮށްފައިވަނީ ނުވަ ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުން މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ހޭދަކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުން 30 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ދަރަނިތައް އަދާކުރުމަށް ކުރި ހޭދަތަކާ އެކު ޖުމްލަ 41 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހަރަދުކޮށްފަ އެވެ. ދަރަނި އަދާކުރުމަށާއި ފައިނޭންސިން ހަރަދުތައް ހަމަޖެއްސުމަށް އެކަނިވެސް 13 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 28 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ ޖުމްލަ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ މާނައަކީ އަހަރުގެ މިހާތަނަށް އައިއިރު، ޖުމްލަ ބަޖެޓުގެ 64 ޕަސަންޓު މިހާރު ވަނީ ހޭދަކޮށްފަ އެވެ. އަހަރު ނިމެން ބާކީ އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ހަރަދު ކުރުމަށް ބަޖެޓުގައި މިހާރު ބާކީ އޮތީ 23 ބިލިއަން ރުފިޔާ އެވެ.
