އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމް ފުޅާކޮށް، ސެޕްޓެމްބަރު މަހުގެ 19 އިން 24 އަށް ށ. އަތޮޅުގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންނާއި އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދެނެގަތުމެވެ.

މިއީ މި މަޝްރޫއުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސްވަނަ އަތޮޅެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ލ. އަތޮޅާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގެ އިތުރުން އދ. އަތޮޅުގައި ވެސް މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން އަންހެނުންނަށް ބޭނުންވާ ތަމްރީނުތަކާއި ލިބެން ހުރި ވަސީލަތްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ރަށުގެ އިގްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަން ސީދާ ވިޔަފާރިވެރިންނާ ބައްދަލުކޮށް އޮޅުންފިލުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ށ. އަތޮޅުގެ 10 ރަށެއްގައި މި ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން ސެޕްޓެމްބަރު 19 ގައި ފޯކައިދޫގައި ބައްދަލުވުން ފަށާއިރު، 20 ވަނަ ދުވަހު ގޮއިދޫ އަދި ކަނޑިތީމުގައި، 21 ވަނަ ދުވަހު ފީވައް އަދި މިލަންދޫގައި، 22 ވަނަ ދުވަހު ށ. ފޭދޫ އަދި ފުނަދޫގައި، 23 ވަނަ ދުވަހު މާއުނގޫދޫ އަދި ކޮމަންޑޫގައި ބައްދަލުވުން ބާއްވާނެއެވެ. އަދި މި ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހު ޅައިމަގުގައި ބާއްވާ ބައްދަލުވުމުންނެވެ.

އަންހެން ވިޔަފާރިވެރިންގެ ތަޖުރިބާތަކާއި ހިޔާލުތައް ހިއްސާކުރުމަށް މިއީ ވަރަށް މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ދެކެއެވެ. މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތާއި ހެކިތަކުގެ މައްޗަށް ބިނާކޮށް، ރަށްރަށުގެ އަންހެނުންގެ ހާލަތާ ގުޅޭ ހަރުދަނާ ސިޔާސަތުތަކާއި އާ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި އެކުލަވާލާނެއެވެ.