މިއަހަރުގެ މިހާތަނަށް ސަރުކާރުން ސަބްސިޑީތަކަށް ހަރަދުކުރުމަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 654 މިލިއަން ރުފިޔާ ހަރަދުކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފްސީލުތައް ހާމަކުރަމުން އެ މިނިސްޓްރީން ބުނީ، މި ހަރަދުތައް ބޮޑުވެފައި ވަނީ އިންޓަނޭޝަނަލް ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ހަރަދުކުރުމަށް ކަނޑައަޅާފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެހެންކަމުން މިއީ ކަނޑައެޅި ބަޖެޓަށް ވުރެ 23 ޕަސަންޓު އިތުރު އަދަދެކެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ސަބްސިޑީއަށް ކުރި ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާ ނުވަތަ 73 ޕަސަންޓު އިތުރުވެފަ އެވެ.
މިހާ ބޮޑަށް ސަބްސިޑީގެ ހަރަދުތައް އިތުރުވެފައި ވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. މީގެ ސަބަބުން، ރައްޔިތުންނަށް ދަތިނުވާނެހެން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ހެޔޮކޮށް ހިފެހެއްޓުމަށްޓަކައި ސަރުކާރުން ކުރަން ޖެހުނު ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ސަބްސިޑީގެ އިތުރުން ސިއްހީ ފަރުވާއަށް ކުރި ހަރަދުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން، އާސަންދައަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 141.2 މިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. އެހެން ނަމަވެސް، އާސަންދައިގެ ބޭރުން އެންސްޕާ މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރި ބޭސްފަރުވާގެ އެހީއަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 37 މިލިއަން ރުފިޔާ މަދުކޮށްފަ އެވެ.
މީގެ އިތުރުން، ދައުލަތުން އެކި ފަރާތްތަކަށް ދޫކުރާ އެހެނިހެން އެހީތަކާއި އެލަވަންސްތައް ދިން މިންވަރު ވެސް މިއަހަރުގެ މިހާތަނަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެލަވަންސްތަކުގެ ހަރަދު ވަނީ 615.2 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ މިއަހަރުގެ ބަޖެޓުގައި އެކި ފަރާތްތަކަށް ދޭ އެލަވަންސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައި ވާތީ އިތުރުވި ހަރަދުތަކެއް ކަމަށް ބެލެވެ އެވެ.
