ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ކިބައިން ކޮވިޑް ބަލީގެ ޢަލާމާތްތައް ފެންނަން ހުރީ ވަރަށްކުޑަކޮށް ކަމަށް އެމަނިކުފާނުގެ ޢާއިލާއިން ހާމަކުރައްވައިފިއެވެ.

އެމަނިކުފާނުގެ ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ބައްޕަގެ ހާލުކޮޅު ރަނގަޅު ކަމަށާއި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު، އެ މަނިކުފާނަށް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދެމުންނެވެ.

ރައީސް މައުމޫނުގެ ޢުމުރުފުޅުން 82 އަހަރުގެ ވެފައިވާ އިރު، މި ބަލީގައި އެންމެ ނުރައްކާ ބޮޑު ނުވަތަ ހައިރިސްކް ކެޓަގަރީގައި އުޅެނީވެސް ޢުމުރުން ދުވަސްވީ މީހުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އިއްޔެ އެކަނިވެސް ރާއްޖެއިން މި ބައްޔަށް ވަނީ 135 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4439 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ފަރުވާ ދެމުން އަންނަނީ 2580 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު ނިޔާވެފައެވެ.