ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ޓްރޯޔެސްއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 2-1 އިން ކާމިޔާބުކޮށް ޕީއެސްޖީން މޮޅަކުން ފެށިއިރު، އޮލިމްޕިކް ލިޔޯން އިން ބްރެސްޓްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އާއި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ފުރަތަމަ އެގާރައިގައި ހިމަނާފައިވާއިރު، ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މި މެޗުގައި ބައިވެރިއެއްނުވެއެވެ. މީގެއިތުރުން، އެ ޓީމުގެ ތަރިންކަމަށްވާ ބްރެޒިލްގެ ނޭމާ އާއި މާކީނޯސްގެ އިތުރުން އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަދި އާޖެންޓީނާގެ އެންހެލް ޑި މާރިއާ ވެސް ރޭގެ މެޗުގައި ނުކުޅެއެވެ.
ޓްރޯޔެސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އޫއަލިދް އެލް ހައްޖާމް އެވެ. އޭގެ 10 މިނެޓުފަހުން، ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު އެންޑާ ހެރޭރާ ދިން ބޯޅައަކުން ހަކީމީ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ޕީއެސްޖީން އެއްވަރުކުރިތާ ދެ މިނެޓުފަހުން، އެ ޓީމު މޮޅުކޮށްދިން ލަނޑުޖެހީ މައުރޯ އިކާޑީ އެވެ. މިއީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ދިން ޕާހަކުން އިކާޑީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، އެމްބާޕޭ އަށް ލީޑްފުޅާކުރަން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޓްރޯޔެސްގެ ޑިފެންޑަރު ޖިމީ ގިރޯޑޮން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެސްޓްގެ އިރްވިން ކާޑޯނާގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ދެވަނަ ހާފުގެ ކުރީކޮޅު އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލިމާނީ ވަނީ ލިޔޯނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ލިޔޯންގެ އައު ކޯޗު ޕީޓާ ބޯޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ލީގުގައި ރޭ މޮނާކޯގެ ދަނޑުގައި ނޯންޓްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިއްލެ ރަށުން ބޭރުގައި މެޓްޒްއާ ދެކޮޅަށް ނިކުންނައިރު، މާސޭ ނިކުންނާނީ މޮންޓްޕެލިއާއާ ދެކޮޅަށެވެ.
