މާލޭގެ ފިހާރައަކުން 25،000 ރުފިޔާއާއި މޯބައިލް ފޯނެއް ވަގަށް ނެގުމަށްފަހު ރާއްޖެއިން ފުރަން އުޅުނު ސްރީލަންކާ މީހަކު ފުލުހުން ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ. މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފައި ވަނީ އެ ފިހާރައިގައި ކުރިން ވަޒީފާ އަދާކުރި ޗަންދުރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ ފިހާރައިގެ ސޭލްސް ފައިސާ ބަހައްޓާފައި ހުރި ތަނުން އެ ފައިސާއާއި ފޯނު ވަގަށް ނެގިކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ވައްކަން ކުރުމަށްފަހު ފިލައިގެން ދިޔުމަށްޓަކައި ފްލައިޓް ޓިކެޓު ނަގައިގެން ފުރަން އުޅެނިކޮށެވެ. މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ވަނީ އޭނާ ފުރަން ނެގި ޓިކެޓާއި، މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީގެ އިތުރުން ފިހާރައިގެ ސީސީޓީވީ ފުޓޭޖު ކޯޓަށް ހުށަހަޅާފައެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފިހާރައިން ވައްކަންކުރި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުން ފެންނަނީ އެންތޮނީކަން އެ ފިހާރައިގެ އެހެން މުވައްޒަފުން ވަނީ ޔަގީންކޮށްދީފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ދެ މީހެއްގެ ބަޔާން ވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އެންތޮނީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ފިހާރައިން ވައްކަންކުރި ވަގުތު ހުރީ އެހެން ތަނެއްގައި ކަމަށާއި، ހާދިސާ ހިނގުމުގެ ދިހަ ދުވަސް ކުރިން ވަޒީފާއިން ކެނޑިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމާ ގުޅޭ 2،326 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.