ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެކުނުގެ ރަށްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަންތަކެއް އެ ކުންފުނިން ބާއްވައިފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މުވައްޒަފުންނަށް ކުންފުނީގެ އުސޫލުތައް އޮޅުންފިލުވައިދީ، ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައެވެ.
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ސޭފްޓީ، ހެލްތު އެންޑް އެންވަޔަރަންމަންޓް (އެސްއެޗްއީ) އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ (އޯއެޗްއެސް) އާ ގުޅޭގޮތުންނެވެ. އަދި ކުންފުނީގެ އެކި ޕޮލިސީތަކާއި އަމަލުކުރަން ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައް މުވައްޒަފުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަންތަކުގެ ސަބަބުން ކުންފުނީގެ މުހިންމު ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް މުވައްޒަފުންނަށް ލިބުމަށް މަގުފަހިވެގެންދިޔައެވެ. މިއީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން، ގިނަ ކަންތައްތަކެއް ސާފުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އިރުޝާދުތައް މުވައްޒަފުންނަށް ވަރަށް ރަނގަޅަށް ފަހުމުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށާއި ސަލާމަތަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިފަދަ ތަމްރީނުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރިއަށް ގެންދެއެވެ.
