ނިމިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ދެ މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެކަނިވެސް 1.96 މިލިއަން ރުފިޔާ ވަނީ ސްކޭމްތަކުގައި މީހުންނަށް ގެއްލިފައެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އޯގަސްޓު މަހު ޖުމްލަ 184 ސްކޭމް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ އޮންލައިންކޮށް މުދާ ވިއްކުމުގެ ނަމުގައި ހިންގާފައިވާ އީކޮމާސް ސްކޭމްތަކުގައެވެ. އެގޮތުން އެފަދަ 79 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އޮންލައިން ވިޔަފާރީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޑޮލަރު ފަދަ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ ސްކޭމްތަކެވެ. ފައިސާ މާރުކުރުމުގައި އޮޅުވާލި 43 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ބުކިން ކެންސަލްކޮށް ރިފަންޑު ހޯދުމުގެ ނަމުގައި އޮޅުވާލި 20 މައްސަލައަކާއި، އެހެން މީހެއްކަމަށް ހެދިގެން ޝަހުސު އޮޅުވާލައިގެން ހިންގި 12 މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ސްކޭމްތަކުގައި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު ނަމަވެސް، ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ބޮޑު ބައެއް ވަނީ އަނބުރާ ހޯދާފައެވެ. އެގޮތުން ފުލުހުން ބުނީ މަކަރާއި ހީލަތުން މީހުންގެ އަތުން އޯގަސްޓު މަހު ފޭރިގަތް ފައިސާގެ ތެރެއިން 1.13 މިލިއަން ރުފިޔާ އަނބުރާ ހޯދައިފައިވާ ކަމަށެވެ. މިއީ މީހުންގެ އަތުން ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު މީހުންގެ އަތުން އެންމެ ގިނަ އަދަދަކަށް ފައިސާ ފޭރިގަނެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 2.27 މިލިއަން ރުފިޔާ ސްކޭމަރުން ވަނީ އެކި މީހުންގެ އަތުން އޮޅުވާލައިގެން ހޯދާފައެވެ. ފަހަކަށް އައިސް ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.