ސިންގަޕޫރުގެ ޖަލުތަކުގައި ހިނގާ މާރާމާރީތަކާއި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި، ޕެޕަ ސްޕްރޭ ޖަހާ 510 ކިލޯގެ ބިޔަ ރޮބޮޓެއް ޓެސްޓުކުރުމަށް އެ ގައުމުގެ ޖަލުތަކާ ބެހޭ އިދާރާއިން ނިންމައިފިއެވެ.
ސިންގަޕޫރު ޕްރިޒަން ސާވިސްއިން މި ހާއްސަ ރޮބޮޓް ޕެޓްރޯލް ކުރުމުގެ ޓްރަޔަލް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އާންމު ގޮތެއްގައި ޖަލުތަކުގައި ގައިދީންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފިނަމަ، އެކަން ހުއްޓުވުމަށް އެންމެ ފުރަތަމަ ދުވެފައި ދަނީ ޖަލުގެ އޮފިސަރުންނެވެ. ނަމަވެސް، މި އާ ނިޒާމުގެ ދަށުން އޮފިސަރުން ނުރައްކަލަށް ހުށަހެޅުމުގެ ބަދަލުގައި، އެފަދަ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ފުރަތަމަ ފޮނުވާނީ މި ރޮބޮޓެވެ. މިއީ ޖަލުތަކުގެ ސަލާމަތީ ކަންކަން ޒަމާނީ ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މި ޓްރަޔަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ތިން މުއައްސަސާއެއްގައެވެ. 510 ކިލޯގެ ބަރުދަން ހުންނަ މި ބިޔަ ރޮބޮޓަކީ ޖަލުގެ އެކި ސަރަހައްދުތަކުގައި އަމިއްލައަށް ޕެޓްރޯލްކޮށް، ހަމަނުޖެހުން އުފެދޭ ހާލަތްތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.
ހަމަނުޖެހުމެއް ހިނގާކަން ފާހަގަކުރެވިއްޖެ ހާލަތެއްގައި، އެކަން ހުއްޓުވުމަށް މި ރޮބޮޓުން ޕެޕަ ސްޕްރޭ ޖެހުމުގެ ގާބިލުކަން ވެސް ހުރެއެވެ. މީގެ ސަބަބުން ކުށްވެރިންގެ ފަރާތުން އޮފިސަރުންނަށް ލިބިދާނެ އަނިޔާތަކުން ސަލާމަތްވެ، ހާދިސާ ހިނގާ ސަރަހައްދު އަވަހަށް ކޮންޓްރޯލް ކުރުމަށް މަގުފަހިވާނެ ކަމަށް އެ ގައުމުގެ އިދާރާތަކުން ގަބޫލުކުރެއެވެ.
އޮކްޓޫބަރު މަހު ފަށާ މި ޓެސްޓު ޕްރޮގްރާމް ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ސިންގަޕޫރުގެ އެހެން ޖަލުތަކުގައި ވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާނެއެވެ. މިކަމުގެ ސަބަބުން ޖަލު ބަލަހައްޓާ އޮފިސަރުންގެ ރައްކާތެރިކަން އިތުރުވެ، ޖަލުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެއެވެ.
