ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ މާލެ ސަރަހައްދުގައި ހިންގި ހާއްސަ ރެއިޑެއްގައި، ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެ އިދާރާގެ ހާއްސަ ޓާސްކް ފޯސްއިން އިއްޔެ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 426 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 13 މީހަކު ފާހަގަވުމުން، އެ މީހުން ވަނީ ވަގުތުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމްގެ ދަށުން ސިލްސިލާކޮށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައި ހިންގި ހަރަކާތުގައި 53 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފުވި ދެ މީހަކު ހިފަހައްޓާފައިވެއެވެ. މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު މާލޭގެ ހަ ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި، އޭގެ ތެރެއިން އަށް މީހަކު ވެސް ވަނީ ހިފަހައްޓާފައެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ. މިގޮތުން ޖުލައި މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑްގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. އިމިގްރޭޝަން އޮފީހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފުވި 32 މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
