ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެ އަވަށުގެ ޓްރެފިކް ހާލަތު ރަނގަޅުކޮށް، ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ މަޝްވަރާތަކެއް ފަށައިފިއެވެ. މި މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗްޑީސީގެ އިތުރުން ފުލުހުންނެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް މި ބައްދަލުވުމުގައި ދެނެގަނެފައިވާ ކަމަށެވެ. އަދި މިކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އިދާރާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމަށް އިދާރާތަކުން މަޝްވަރާކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ހާދިސާ ހިނގީ ވިނަރެސް ހަތެއްގެ ކައިރިއަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ދެ ކާރެއް ވެސް ޓޯކޮށްފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި، ހާއްސަކޮށް ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އެކްސިޑެންޓުތައް ހިމެނޭއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.