ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރެއް ކަމަށްވާ ބިޔޯންސޭގެ 45 ވަނަ އުފަންދުވަހާއި އޭނާގެ ކާމިޔާބު އަލްބަމް "ބީޑޭ" އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ އަލްބަމްގެ ހާއްސަ ޑިލަކްސް އެޑިޝަނެއް މިއަދު ނެރެފިއެވެ. މިއީ ބިޔޯންސޭގެ ސަޕޯޓަރުންނަށް އޭނާގެ އުފަންދުވަހާ ގުޅިގެން ދިން ވަރަށް ހާއްސަ ހަދިޔާއެކެވެ.
"ބީޑޭ 20 ވަނަ އެނިވާސަރީ ޑިލަކްސް އެޑިޝަން" ގެ ނަމުގައި އާންމުކުރި މި އަލްބަމްގައި ޖުމްލަ 31 ލަވަ ހިމެނެއެވެ. މީގެ ތެރޭގައި ކުރިން އާންމުކޮށްފައި ނުވާ ބޯނަސް ލަވަތަކާއި، އަޑު ސާފުކޮށްފައިވާ ކުރީގެ ލަވަތަކުގެ އިތުރުން ފަރެލް އާއެކު ކިޔާފައިވާ އާ ލަވައެއް ކަމަށްވާ "ކޭން އައި ވޮޗް ޔޫ" ވެސް ހިމެނެއެވެ.
މި ހާއްސަ އަލްބަމްގައި ބިޔޯންސޭގެ ސްޕެނިޝް ލަވަތައް ވެސް ވަނީ އަލުން ގެނެސްދީފައެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ މަލޫމާގެ ހުށަހެޅުންތަކެއް ފެނިގެންދާއިރު، ނިޔާވެފައިވާ މަޝްހޫރު ފަންނާނު ސެލީނާ އާއެކު ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއްވެސް މި އެޑިޝަންގައި ވަނީ ހިމަނާފައެވެ.
ބިޔޯންސޭގެ އުމުރުން 25 އަހަރުގައި، 2006 ވަނަ އަހަރު އެންމެ ފުރަތަމަ ނެރުނު "ބީޑޭ" އަކީ އޭނާގެ އެންމެ ފުރަތަމަ ވިޝުއަލް އަލްބަމްތަކުގެ ތެރެއިން އެކައްޗެވެ. މި އަލްބަމަށް ވަނީ 2007 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި އެންމެ މޮޅު ކޮންޓެމްޕަރަރީ އާރްއެންޑްބީ އަލްބަމްގެ އެވޯޑުވެސް ލިބިފައެވެ.
އަލްބަމަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ލަވަތަކުގެ އިތުރުން އޭގެ ވީޑިއޯތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 35 މިލިމީޓަރުގެ ފިލްމުގައި ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯތައް ވަނީ ޒަމާނީ ފެންވަރަށް ރީމާސްޓާކޮށް، އޭގެ ކުލަތައްވެސް އާކޮށްފައެވެ.
