އިންޑިއާގެ މަހާރާޝްތުރަ ސްޓޭޓުގައި އޮންނަ ޝަނީ ޝިންގްނާޕޫރު ކިޔާ އަވަށަކީ ޒަމާނުއްސުރެ ގޭގޭގައި މައިދޮރު ނުހުންނަ އަދި ފިހާރަތައް ތަޅުނުލާ ދޫކޮށްލާފައި ދާ އާދަޔާހިލާފު އަވަށެކެވެ. މިއީ އެ ރަށުގެ މީހުންގެ މެދުގައި އޮންނަ ވަރަށް ބޮޑު އިތުބާރަކާއި ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް ތަފާތު ސަގާފަތެކެވެ.

މި އަވަށުގެ މީހުން އާންމު ދިރިއުޅުމުގައި އެއްވެސް ވަރަކަށް ތަޅާއި ތަޅުދަނޑި ބޭނުމެއް ނުކުރެއެވެ. އެހެން ރަށްރަށަށް ދަތުރުކުރާއިރު ނުވަތަ ގެއިން ބޭރަށް ދާއިރު ވެސް، ގެ ބަލަހައްޓައިދޭން އަވަށްޓެރިންގެ ކިބައިން އެދުމަކީ މި ރަށުގެ މީހުން ކުރާ ކަމެއް ނޫނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދޭނެ ފަރާތެއް ވެއެވެ.

ގޭގޭގެ އިތުރުން މި އަވަށުގެ ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަން ވެސް ހުންނަނީ އެއްވެސް ސެކިއުރިޓީއެއް ނެތި ހުޅުވާފައެވެ. ރޭގަނޑު ނިދަން ދާއިރު ވެސް ފިހާރަތަކުގެ ދޮރުތައް ނުލައްޕާ ހުރުމަކީ މި ތަނުގައި ވަރަށް އާންމު ކަމެކެވެ. މިއީ ބޭރުން އަންނަ މީހުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ގެނުވާ ކަމަކަށް ވިޔަސް، މިއީ އެ އަވަށުގެ މީހުންގެ އާންމު ދިރިއުޅުމެވެ.

މިކަމާ ގުޅޭގޮތުން އެ އަވަށުގެ މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ދެމުން ބުނީ "އަހަރެމެންގެ ގޭގޭގައި ދޮރެއް އަދި ތަޅެއް ވެސް ނުހުންނާނެއެވެ. އަހަރެމެންގެ މުދާ ރައްކާތެރިކޮށްދެނީ އަހަރެމެން އަޅުކަންކުރާ ފަރާތުން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ،" ކަމަށެވެ. މިފަދަ ގަބޫލުކުރުންތަކުގެ ސަބަބުން އެ ރަށުގައި ވައްކަންކުރުން ފަދަ ކުށްތައް ނޯންނަ ކަމަށް އެ މީހުން ބުނެއެވެ.

ޓެކްނޮލޮޖީއާއި ތަރައްގީގެ ގޮތުން ދުނިޔެ ކިތަންމެ ކުރިއަރައިގެން ދިޔަ ނަމަވެސް، ޝަނީ ޝިންގްނާޕޫރު އަދިވެސް އޮތީ އެ މީހުންގެ ޒަމާންވީ ސަގާފަތުގެ މަތީގައެވެ. މިއީ މުޅި ދުނިޔެއަށް ވެސް ނަމޫނާއަކަށް ވެފައިވާ، އެކަކު އަނެކަކަށް ކުރާ އިތުބާރުގެ ވަރަށް ފުރިހަމަ މިސާލެކެވެ. މި އަޖައިބުކުރުވަނިވި އަވަށް ބަލައިލުމަށް ގިނަ އަދަދެއްގެ މީހުން ކޮންމެ އަހަރަކު ވެސް އިންޑިއާއަށް ޒިޔާރަތް ކުރެއެވެ.